ޚަބަރު

ރާއްޖެއިން އިތުރު 463 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 463 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ގިނަ ކޭސްތައް އަތޮޅުތަކުން ފެންނަމުންދާއިރު، މިވަގުތުވެސް 20އަށްވުރެ ގިނަ ރަށް އޮތީ މޮނިޓަރިންގައެވެ.

ރާއްޖޭގައި މިދިޔަމަހު ކޯވިޑް ކޭސްތައް އިތުރުވި ނަމަވެސް މިހާރު މިވަނީ، މަޑުމަޑުން އަދަދުތައް ދަށަށް ދާން ފަށާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 463 މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ. 382 މީހުން ބައްޔަށް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މާލެއިން ޕޮޒިޓިވްވެފައި ވަނީ 29 މީހުންނެވެ. މީގެއިތުރުން ރިސޯޓުތަކުން 21 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 170655 އަށް އަރާފައެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވަމުން ދިއުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވެސް ދަނީ ދަށްވަމުންނެވެ. މިވަގުތު 14912 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނީ، 13 މީހުންނަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 569 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 155433 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 2804 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

އާ އަހަރާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު މިހާ ބޮޑަށް އިތުރުވެފައި މިވަނީ ކޯވިޑްގެ އާ ވޭރިއަންޓާއެކުއެވެ. މުޅި ރާއްޖޭގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި ހުރުމަށްފަހު މިހާރުވަނީ އަދަދު ދައްވާން ފަށާފައެވެ. މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތަކުންނެވެ.