ކުޅިވަރު

ޔާމީންގެ ގޯލުން ވެލެންސިޔާއިން ދަ ގްރާންޑޭގެ މައްޗަށް ކުރި ހޯދައިފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބް ވެލެންސިޔާއިން ދަ ގްރާންޑޭގެ މައްޗަށް ކުރި ހޯދައިފިއެވެ. މިމެޗް ވެލެންސިޔާއިން ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ.

މިމެޗަށް ކުލަބް ވެލެންސިޔާ ނިކުތްއިރު، ލީގުގައި އެންމެ ފަހުން އެޓީމު ވަނީ ގްރީން ސްޓްރީޓްސް އަތުން ބަލިވެފައެވެ. މިއަހަރުގެ ސީޒަންގެ ފުރަތަމަ މުބާރާތްކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ކުލަބް ވެލެންސިޔާއިން ކާމިޔާބުކޮށްފައިވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އަދި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބް ވެލެންސިޔާގެ ފުރަތަމަ މެޗްގައި އެޓީމު ވަނީ 2 ލަނޑު 1 ލަނޑުން ޔުނައިޓަޑް ވިކްޓްރީގެ މައްޗަށް ކުރި ހޯދާފައެވެ. ދެވަނަ މެޗްގައި ގްރީން އަތުން ވެލެންސިޔާ ބަލިވީ 1 ލަނޑު 0 ލަނޑުންނެވެ. ގްރީން އަތުން ބަލިވުމާއި ގުޅިގެން، ދަ ގްރާންޑޭގެ މައްޗަށް ވެލެންސިޔާއަށް ކުރި ހޯދުމަކީ އެޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މިމެޗާއި ދެ ޓީމް ކުރިމަތިލީއިރު، ދެ ޓީމަށްވެސް ވަނީ އަނިޔާގެ މައްސަލަތައް ކުރިމަތިވެފައެވެ. ވެލެންސިޔާގެ ކެޕްޓަން ޢަލީ ފާސިރާއި ޢަލީ އަޝްފާގް، ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް އަދި މިޑްފީލްޑަރު ޢަބްދުﷲ މިދުހަތު ފަހުމީ ކުޅުމާއި ދުރުގައި ހުރިއިރު، މިޑްފީލްޑަރު އައްސަދު ޢަލީ (އަޑުބަރޭ) ހުރީ ކުޅެވޭ ހާލަތެއްގައެއް ނޫނެވެ. ދަ ގްރާންޑޭ ޓީމަށް ބަލާލާއިރު، އެޓީމުގެ ލަންކާ ފޯވާޑް މުޙައްމަދު އާކިބަށް އަނިޔާވެގެން މިމެޗްގައި ބައިވެރިވެވޭ ގޮތެއް ނުވިއެވެ.

މެޗް ފަށައިގެން މޮޅަށް ކުޅެފައިވަނީ ކުލަބް ވެލެންސިޔާއިންނެވެ. އެގޮތުން އެޓީމްގެ ސްޕެއިން ފޯވާޑް ބޯހާސްއަށް ގޯލް ޖެހުމަށް ދެ ފުރުސަތެއް ލިބިގެންދިޔަނަމަވެސް، އެއްވެސް ފުރުސަތެއްގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ. މެޗުގެ ފެށުން ވެލެންސިޔާއިން ރަގަނޅު ކުރިނަމަވެސް، ދަ ގްރާންޑޭއިންވެސް މަޑުމަޑުން މެޗްގެ ތެރެއަށް ވަދެ، ކުޅުން ރަގަނޅު ކުރިއެވެ. އަދި ވެލެންސިޔާގެ ގޯލާއި ދިމާލަށް ފޮނުވާލަން މަސައްކަތް ކުރި ހަމަލާތައް އެންމެ އެކަށީގެންވާ ގޮތުގައި ދަ ގްރާންޑޭގެ ކުޅުންތެރިންނަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ވެލެންސިޔާއަށް ކާމިޔާބުކޮށްދިނީ މިސީޒަންގެ ފުރަތަމަ މުބާރާތްކަމަށްވާ ޕްރެޒިޑެންޓް ފުޓްބޯޅަ މުބާރާތުގައި ކުލަބް ގްރީން ސްޓްރީޓްސްއަށް ކުޅުމަށްފަހު ޕްރިމިއަރ ލީގަށް ވެލެންސިޔާއަށް ބަދަލްވި ޢަބްދުﷲ ޔާމީން (ޔާނު)އެވެ. މެޗްގެ ފުރަތަމަ ހާފް ނިކުމުގެ ކުރިން ގޯލެއް ޖެހުމަށް ދަ ގްރާންޑޭއިން މަސައްކަތް ކުރިއެވެ. ނަމަވެސް އެޓީމްގެ ޖަޕާން މިޑްފީލްޑަރު ޔޫގޯ ކަވަބާޓާ އާއި ޢަލީ ޝަމާލަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

މެޗްގެ ފުރަތަމަ ހާފާއި ޚިލާފަށް މެޗްގެ ދެވަނަ ހާފްގައި ކުލަބް ވެލެންސިޔާއިން ފެށީ ތަންކޮޅެއް ދަށްކޮށެވެ. ދެވަނަ ހާފްގެ ކުރީކޮޅުގައި ދެ ޓީމްގެ ފަރާތުންވެސް ފެނިފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. ނަމަވެސް މެޗް ކުރިއަށްދިޔަ ވަރަކަށް ދެ ޓީމުންވެސް ކުޅުން ރަގަނޅުކޮށް، ގޯލް ޖެހުމަށް މަސައްކަތް ކުރިއެވެ. ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ދަ ގްރާންޑޭއަށް ކުޅެން އެރި މުޙައްމަދު ލަޔާނަށް މެޗްގައި ގޯލް ޖެހުމަށް ގިނަ ފުރުސަތު ލިބިގެންދިޔައެވެ. ނަމަވެސް ލަޔާނަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. މެޗްގެ 77ވަނަ މިނެޓްގައި ވެލެންސިޔާގެ ޔާމީނަށް ގޯލެއް ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނީ، ލަސް ކުރުމުގެ ސަބަބުންކަމަށެވެ. މިމެޗް ނިމިފައިވަނީ ވެލެންސިޔާއިން މެޗްގެ ފުރަތަމަ ހާފްގައި ޖެހި ގޯލާއެކު ކުރީގައި އޮވެގެންނެވެ.