ޚަބަރު

ވޭތުވެދިޔަ 3 ހަފްތާގައިވެސް އަތޮޅުތަކުން ނެގި ސާމްޕަލްގެ %50 ޕޮޒިޓިވް


އަތޮޅުތަކުން ނަގާ ސާމަޕަލްގެ %50 އަދިވެސް ކޯވިޑަށް ޕޮޒިޓިވްވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ބައްޔަށް މީހުން ޕޮޒިޓިވްވާ ރޭޓް %50ގައި ހުންނަތާ މިއީ 3ވަނަ ހަފްތާއެވެ.

އަތޮޅުތަކުން ރިޕޯޓްކުރާ ކޯވިޑް ކޭސްތައް އިތުރުވެފައި މިވަނީ، ޖެނުއަރީ މަހު ފެށުނު ކޯވިޑްގެ 4ވަނަ ރާޅާއެކުއެވެ.
ކޯވިޑްގެ 19ގައި ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވީ، ކޯވިޑްގެ އާ ވޭރިއަންޓް އޮމިކްރޯންގެ ކޭސްތައް އިތުރުވާންފެށުމާއެކުއެވެ. އޮމިކްރޯންގެ އިންޒާރުދެމުންދަނިކޮށް، ރާއްޖެއިންވެސް ގިނަ ކޭސްތަކެއް ފެންނަންފެށީ ޖެނުއަރީ މަހުގެ މެދުތެރެއިން ފެށިގެންނެވެ. އަދި މަސް ނިމުނުއިރު ދުވާލަކު ފެންނަ ކޭސްތައް ހުރީ 3000އާއި ގާތުގައެވެ.

މި ރާޅުގައި ގިނަ ކޭސްތަކެއް ފެންނަންފެށީ އަތޮޅުތަކުންނެވެ. ސްކޫލް ޗުއްޓީއާއި ދިމާކޮށް ދަތުރުކުރުން އިތުރުވުމަކީ، އަތޮޅުތަކުގައި ބަލި އިތުރުވި މައިގަނޑު ސަބަބުކަމުގައި ސިއްޙީ ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.

2021ވަނަ އަހަރު ނިމުނު އިރު އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދަކީ، ނަގާ ސާމްޕަލްގެ %10އެވެ. ނަމަވެސް އޮމިކްރޯނާއެކު މި އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. ވޭތުވެދިޔަ 3 ހަފްތާގައިވެސް އަތޮޅުތަކުން ކޯވިޑަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ %50ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ފެބްރުއަރީ މަހުގެ ކުރީކޮޅުން ފެށިގެން، މާލެ ސަރަޙައްދުން ރިޕޯޓްކުރާ ކޭސްތަކަށްވުރެ، އަތޮޅުތަކުން ފެންނަ ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށްވަނީ އިތުރުވެފައެވެ.

މާލެ ސަރަޙައްދުން މިހާރު ބައްޔަށް ޕޮޒިޓިވްވަމުންދަނީ، ޓެސްޓުކުރާ ސާމްޕަލްގެ %10 މީހުންނެވެ. ކޯވިޑްގެ މި ރާޅުގައި މާލޭގައި ގިނަ ބަޔަކު ޕޮޒިޓިވްވީ ޖެނުއަރީގެ ފަހު ހަފްތާގައެވެ. އޭރު މާލެ ސަރަޙައްދުން ޓެސްޓުކުރާ ސަމްޕަލްގެ %45 ދިޔައީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. މިއަދަދު އަހަރު ފެށުނުއިރު ހުރީ %4ގައެވެ.

ބަލީގެ ޙާލަތު މަޑުމަޑުން ރަނގަޅުވާން ފެށުމާއެކު އެޗްޕީއޭއިން މިހާރުވަނީ، ފިޔަވަޅުތަކަށް ލުއިދީފައެވެ. އެގޮތުން މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ޕީސިއާރް ޓެސްޓް ހަދަންޖެހޭގޮތަށް އޮތް އޮތުންވަނީ އުވާލާފައެވެ. ނަމަވެސް ބަލި އޮތް ރަށްރަށުން އެހެން ރަށްތަކަށް ދަތުރުކުރުމުގައި، ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ދަތުރުކުރެވޭނީ ކޯވިޑް ޓެސްޓު ހެދުމަށްފަހު ނެގެޓިވް ނަތީޖާއާއެކުއެވެ.

މީގެއިތުރުން އެޗްޕީއޭއިންވަނީ، އެއްވެ އުޅުމުގެ އުސޫލާއި ޕާޓީތަކާއި ޙާފްލާތަކަށް ވަކި އަދަދަކަށް މީހުން ވެއްދުމަށް ކަނޑައެޅި ގަވައިދުވެސް އުވާލާފައެވެ. މީގެއިތުރުން ކުޅިވަރު ހަރަކާތްތަކަށްވެސް، ކުޅި ބަލަން މީހުންނަށް ވަނުމުގެ ހުއްދަ މިހާރު ދީފައެވެ.

ރާއްޖޭގައި މިވަގުތުވެސް ކޯވިޑް ބަލި ޖެހޭ މީހުންގެ އަދަދު ދުވާލަކު އެވަރެޖްކޮށް އުޅެނީ 600އިން މަތީގައެވެ. އެންމެ ފަހުގެ ހަމާކުރި ތަފާސްހިސާބުތަކަށް ބަލާއިރުވެސް، %90މީހުން ބައްޔަށް ޕޮޒިޓިވްވީ އަތޮޅުތަކުންނެވެ. ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ އަދަދުވަނީ 170000އާއި ގާތްކޮށްފައެވެ.