ޚަބަރު

ކޯވިޑް ޖެހޭ މީހުންގެ އަދަދު ދަށަށް: އަލަށް ޕޮޒިޓިވްވީ 648 މީހުން


ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު ދަށްވެ، އަލަށް ބަލިޖެހުނު މީހުންގެ އަދަދު 648އަށް ތިރިވެއްޖެއެވެ.
ކޯވިޑް ކޭސްތައް މިދިޔަ ޖެނުއަރީ މަހުން ފެށިގެންވަނީ އިތުރުވާން ފަށާފައެވެ. އަދި މިޢަދަދުތައް ދެހާހުން މައްޗަށްވެސްވަނީ އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 648 މީހުންގެ ތެރޭގައި ގިނައީ އަތޮޅުތެރެއިން ޕޮޒިޓިވްވީ މީހުންނެވެ. އެގޮތުން އަތޮޅުތެރެއިން 485 މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މާލެއިން ޕޮޒިޓިވްވެފައިވަނީ 70 މީހުންނެވެ. މީގެއިތުރުން ރިސޯޓުތަކުން 63 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 164229 އަށް އަރާފައެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވަމުން ދިއުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ދަނީ ދަށްވަމުންނެވެ. މިވަގުތު 15058 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނީ، 26 މީހުންނަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 958 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 148868 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3365 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 290 މީހަކު ވަނީ ނިޔާވެފައެވެ.

އާ އަހަރާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެގެންދިޔައީ ކޯވިޑްގެ އާ ވޭރިއަންޓާއެކުއެވެ. މުޅި ރާއްޖޭގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި ހުރުމަށްފަހު މިހާރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތަކުންނެވެ.