ޚަބަރު

އިތުރު 1400 މީހުން، ކޯވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ފުރިހަމަކޮށްފި


އިތުރު 1400 އަށްވުރެ ގިނަ މީހުން ބޫސްޓަރ ޑޯޒް ފުރިހަމަކޮށްފިއެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 114000އަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބުދަ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް 1488 މީހަކު ޖަހާފައިވެއެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި356 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 1132 މީހަކު ހިމެނެއެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 114039އަށް އަރާފައެވެ.

މީގެއިތުރުން 45 މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒްވެސް ޖަހާފައެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ފުރިހަމަކުރި 30 މީހުންނާއި، އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 15 މީހަކު ހިމެނެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 370639އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް 16 މީހަކު ވަނީ ޖަހާފައެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 6 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 10 މީހުން ހިމެނެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 398026 އަށް އަރާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުތަކަށް ގެނެވުނު ބަދަލާއިއެކު، ކޯވިޑް-19 ވެކްސިން ފުރިހަމަވެފައިވާ ކަމަށް ބަލާނީ، ވެކްސިންގެ 3 ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނެވެ. އަދި ދެ ޑޯޒް ޖެހުމަށްފަހު 8 މަސް ދުވަސް ނުވާ މީހުންނެވެ.