ޚަބަރު

މަސްދުވަސް ފަހުން، ކޯވިޑް ކޭސްތައް އެންމެ ދަށްވި ދުވަސް


މަސްދުވަހަކަށްފަހު ފުރަތަމަ ފަހަރަށް ކޯވިޑް ކޭސްތައް 805އަށް ތިރިވެއްޖެއެވެ. މާލެއިން ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 100އިން ދަށަށް ގޮސްފައެވެ.

ކޯވިޑް ކޭސްތައް މިދިޔަ ޖެނުއަރީ މަހުން ފެށިގެންވަނީ އިތުރުވާން ފަށާފައެވެ. އަދި މިޢަދަތުތައް ދެހާހުން މަތީގައި ހުރުމަށްފަހު ފުރަތަމަ ފަހަރަށް ވޭތުވެދިޔަ އެއްމަސްތެރޭގައި 805އަށް މަދުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 805 މީހުންނެވެ. ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ. އެއީ 637 މީހުންނެވެ. މާލެއިން ޕޮޒިޓިވްވެފައި ވަނީ 90 މީހުންނެވެ. މީގެއިތުރުން ރިސޯޓުތަކުން 52 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 162974 އަށް އަރާފައެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވަމުން ދިއުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ދަނީ ދަށްވަމުންނެވެ. މިވަގުތު 15504 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނީ، 28 މީހުންނަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 1006 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 147167 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4411 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 290 މީހަކު ވަނީ ނިޔާވެފައެވެ.

އާ އަހަރާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައި މިވަނީ ކޯވިޑްގެ އާ ވޭރިއަންޓާއެކުއެވެ. މުޅި ރައްޖޭގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި ހުރުމަށްފަހު މިހާރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތަކުންނެވެ.