ކުޅިވަރު

ސިޓީއަށް 13 ޕޮއިންޓުގެ ލީޑެއް


ޗެލްސީ ބަލިކޮށް މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި 13 ޕޮއިންޓަށް ލީޑުފުޅާކޮށްފިއެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީގެ މައްޗަށް ކުރި ހޯދީ 1-0 ލަނޑުންނެވެ. މެޗު ފަށައިގެން ޗެލްސީ އަށް ރަނގަޅު އެޓޭކެއް ކުރަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް ރޮމަލޫ ލުކާކޫއަށް ވަނީ ފުރުސަތުގެ ބޭނުން ހިފޭގޮތް ނުވެފައެވެ.

ފުރަަތަމަ ހާފުގައި ސިޓީ އަށް ގޯލެއް ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ޖެކް ގްރީލިޝް އަށެވެ. ޑި ބްރޭނާ، ސިޓީ މި މެޗުން މޮޅުކޮށްދިން ގޯލު ޖެހީ 70 ވަނަ މިނިޓްގައެވެ. މިއީ ކުރިން ޗެލްސީ އަށް ކުޅުނު ޑި ބްރޭނާ އޭނާގެ ކުރީގެ ކްލަބް ކޮޅަށް ޖެހި ފަސްވަނަ ގޯލެވެ. ޑި ބްރޭނާ އަކީ ކުރިން ޗެލްސީ އަށް ކުޅުމަށް ފަހު އެ ޓީމު ކޮޅަށް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

މިއީ ސިޓީން ލީގުގައި ޖެހިޖެހިގެން މޮޅުވި 12 ވަނަ މެޗެވެ. ސިޓީ މި ވަނީ މި ފަހަރު ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ. މި މޮޅާއެކު ސިޓީ އެއް ވަނައިގައި އޮތީ 22 މެޗުން 56 ޕޮއިންޓާއެކުއެވެ.

ދެ ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 22 މެޗުން 43 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި ލިވަޕޫލް އޮތީ 20 މެޗުން 42 ޕޮއިންޓާ އެކުއެވެ. ލިވަޕޫލުން މެޗު ހަމަކުރާއިރު، ދެ މޮޅު ހޯދައިފިނަމަ ސިޓީގެ ލީޑު އަށް ޕޮއިންޓަށް ކުޑަވާނެއެވެ.