ކުޅިވަރު

ގްރެނެޑާ އަތުން އެއްވަރުވެ ބާސާއިން ފުރުސަތު ނަގާލާއިފި


ސްޕެނިޝް ލަލީގާގައި ގްރެނެޑާ އާއި ބާސެލޯނާ ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ. ރަށުންބޭރުގައި ކުޅުނު މެޗުން ދެ ޓީމް އެއްވަރުވީ 1-1 ލަނޑުންނެވެ.

މެޗުގެ ދެވަނަ ހާފްގައި ބާސާގެ ލޫކް ޑިޖޯން ކާމިޔާބުކޮށްދިން ލަނޑުން ބާސާއިން ލީޑު ނަގައިދިން އިރު ގްރެނެޑާއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓެކަށް ވެފައިވަނިކޮށް ލިބުނު ކޯނަރަކުން އޮންޓޯނިޔޯ ޕިއުއާޓަސްއެވެ. މި ލަނޑުޖެހުމުގެ 10 މިނިޓު ކުރިން ބާސެލޯނާގެ ގަވީއަށް ވަނީ ދެވަނަ ރީނދޫކާޑާ އެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިމެޗުގައި ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ޑެނީ އަލްވޭސް ވަނީ ކުޅެފައެވެ. މިއީ 2016 އަހަރުފަހުން ލަލީގާގެ މެޗެއްގައި އޭނާ ކުޅުނު ފުރަތަމަ ފަހަރެވެ.

މި ނަތީޖާއާއެކު ބާސެލޯނާއިން ވަނީ ލީގުގެ ތިންވަނައަށް އަރަން ލިބުނު ފުރުސަތު ނަގާލާފައެވެ. ގްރެނެޑާ ވަނީ ކުލަބުގެ ރެކޯޑް އަދަދެއް ކަމަށްވާ ބަލިނުވެ 7 މެޗު ހަމަކޮށްފައެވެ. ބާސާ ވަނީ ތާވަލުގެ ހަވަނައަށް ވެއްޓިފައެވެ. 20 މެޗުން ބާސެލޯނާ އަށް ހޯދުނީ 32 ޕޮއިންޓެވެ. ގްރެނެޑާއިން ވަނީ މެޗު އެއްވަރުކޮށްގެން ތާވަލުގެ 12 ވަނައަށް ކުރިޔަށް ޖެހިލާފައެވެ. އެއީ 24 ޕޮއިންޓާއެކުވެ.