ކުޅިވަރު

ސައުދީ މަހުޖަނުންގެ ނިއުކާސަލް ކަޓައިފި


އިނގިރޭސި އެފްއޭ ކަޕްގައި އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ ކޭމްބްރިޖް ޔުނައިޓެޑުން 1-0 އިން ނިއުކާސަލް ޔުނައިޓެޑް ކަޓުވާލައިފިއެވެ.

ސައުދީ އަރަބިއްޔާގެ މަހުޖަނުންގެ ބޮޑު ރޯލަކާއެކު ނިއުކާސަލް ގަތް ފަހުން އެ ޓީމުން ގަތް ފުރަތަމަ ކުޅުންތެރިޔާ ކިއެރަން ޓްރިޕިއޭ ހިމަނައިގެން ނިއުކާސަލް އިން ރޭގެ މެޗުގައި ކުޅުނުއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ފަބިއަން ޝެއާގެ ގޯލުން ލީޑުނަގައިފައެވެ. އެހެންނަމަވެސް، އެ ގޯލު އޮފްސައިޑް ކަމަށް ނިންމީއެވެ.

ކޭމްބްރިޖުން ގޯލު ޖެހީ މެޗުގެ 56 ވަނަ މިނިޓްގައެވެ. ނިއުކާސަލް އޭރިއާތެެރެއިން ލިބުނު ބޯޅަ ޖޯ އިއޯންސައިޑް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. ކޭމްބްރިޖުގެ ޖެކް ލެންކަސްޓާ ވަނީ އެ ޓީމަށް ދެ ވަނަ ގޯލެއް ވެސް ޖަހައިދީފައެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. ނިއުކާސަލްއަށް އެއްވަރު ކޮށްދޭން ޖޮއެލިންޓަން ޖެހި ބޯޅަ ކީޕަރު މިޓޯވް ވަނީ މަތަކޮށްފައެވެ. މިއީ ކޭމްބްރިޖް ޓީމުގެ ތާރީޚުގައި އެފްއޭ ކަޕް މެޗެއްގައި ރަށުންބޭރުގައި އިނގިރޭސި އެއް ވަނަ ޑިވިޝަން ނުވަތަ ޕްރިމިއާ ލީގު ޓީމެއް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ.