ކުޅިވަރު

ޖޮކޮވިޗަށް ވިސާ ދިނީ ކޮވިޑް ޖެހިފަހުރުމުން: ވަކީލު


އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ދުނިޔޭގެ އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކިޗް ޕޮޒިޓިވްވެފައިވާތީ ކަމަށް އޭނާގެ ވަކީލުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ.

އޮސްޓްރޭލިއަން އޯޕަންގެ ސިއްހީ ގައިޑްލައިންތަކުގައި އޮތް ގޮތުން މުބާރާތުގައި ކުޅޭ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާކަން މުބާރާތް އިންތިޒާމްކުރާ ފަރާތަށް ކަށަވަރުކޮށްދޭން ޖެހޭނެއެވެ. އަދި ކޮވިޑް ވެކްސިން ނުޖަހާނަމަ މުބާރާތުގައި ބައިވެރިވެވޭނީ ވެކްސިން ނުޖަހަނީ ބަލި ހާލަތެއްގެ ސަަބަބުން ނޫނީ އެހެނިހެން މަގުބޫލު ސަބަބަކާ ހެދިކަން ސާބިތުކޮށްދީގެންނެވެ. އެކަން ކުރެވެން އޮތީ ސިއްހީ މާހިރެއްގެ ލަފާގެ މަތިން "މެޑިކަލް އެގްޒެމްޕްޝަން" ލިޔެކިޔުން ހުށަަހަޅައިގެންނެވެ.

ޖޮކޮވިޗަށް މި މަހު 17-30 ގައި އޮންނަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވަނިކޮށް، އޭނާގެ ވިސާ ކެންސަލްކޮށް، އަނބުރާ ގައުމަށް ފޮނުވާލަން ނިންމިއެވެ. އެކަމަކު، ޖޮކޮވިޗް އަލުން ވިސާ ހޯދަން ކުރާ މަސައްކަތުގައި އޮސްޓްރޭލިއާ ކޯޓަށް ހުށަހެޅި މައްސަލައިގައި ހޯމަ ދުވަހު ގޮތެއް ނިންމަންދެން، ޖޮކޮވިޗް މި ވަގުތު ހުރީ އޮސްޓްރޭލިއާ އިމިގްރޭޝަނުން ޑިޓެންޝަނުގައި ބަހައްޓައިފައެވެ. އޮސްޓްރޭލިއާ ސަރުކާރުން ވަނީ ކޮވިޑްގެ ވެކްސިން ނުޖަހާ އެއްވެސް ކުޅުންތެރިއަކަށް އޮސްޓްރޭލިއަން އޯޕަންގައި ނުކުޅެވޭނެ ކަމަށް އަންގައިފައެވެ.

ޖޮކޮވިޗް، ވަނީ އޭނާގެ ވެކްސިންގެ މައުލޫމާތު ދޭން ދެކޮޅު ހަދައިފައެވެ. މީގެ ކުރިން ވެކްސިނާ ދެކޮޅަށް ވާހަކަ ދައްކައި ޖޮކޮވިޗް ވަނީ އިންޓަވިއުއެއް ވެސް ދީފައެވެ. އޮސްޓްރޭލިއާ އިމިގްރޭޝަންގެ ވަކީލު ބުނީ ކޯޓުގައި އޮސްޓްރޭލިއާ އިމިގްރޭޝަނާއި ޖޮކޮވިޗް ވެސް ވަަރަށް ގިނަ ސުވާލުތަކަށް ޖަވާބު ދޭން ޖެހޭނެ ކަމަށެވެ. އޭގެއިން ސުވާލެއްގައި ޖޮކޮވިޗް ރަނގަޅު ނޫން ޖަވާބެއް ދީ، ގަސްދުގައި މައުލޫމާތު އޮޅުވާލަން މަސައްކަތްކޮށްފިކަން ސާބިތުވެއްޖެނަމަ ތިން އަހަރަށް އޮސްޓްރޭލިއާ ވިސާ ނުލިބޭ ގޮތަށް ޖޮކޮވިޗް ސަސްޕެންޑްކުރާނެއެވެ.

އޮސްޓްރޭލިއަން އޯޕަންގައި ބައިވެރިވާން ފުރުސަތު ދީފައި އޮތީ މެޑިކަލް އެގްޒެމްޕްޝަން ކޯޓާގެ ތެރެއިންނެވެ.