ކުޅިވަރު

ލޯނު އުސޫލުން ނައިލްސް ރޯމާއަށް


އާސެނަލްގައި ކުޅުމުގެ ފުރުސަތު ލިބުން މަދުވުމުގެ ސަބަބުން ޓީމު ދޫކޮށްލަން ބޭނުންވާކަން ހާމަކުރި މިޑްފީލްޑަރު އެއިންސްލީ މެއިޓްލެންޑް-ނައިލްސް ލޯނު އުސޫލުން އިޓަލީގެ އޭއެސް ރޯމާ އަށް ގެންދަން ދެ ކުލަބުން އެއްބަސް ވެއްޖެއެވެ.

ރޯމާގެ ކޯޗަކީ މީގެ ކުރިން ޗެލްސީ އާއި ޓޮޓެންހަމަށް ވެސް ކޯޗުކޮށްދިން ހޯސޭ މޮރީނިއޯއެވެ. މެއިޓްލެންޑް-ނައިލްސް އަކީ މޮރީނިއޯ ޕްރިމިއާ ލީގުގައި ކޯޗު ކޮށްދިން ދުވަސްވަރު ފާހަގަކޮށްލެވުނު ކުޅުންތެރިއެއް ކަމަށް މޮރީނިއޯ ވަނީ ބުނެފައެވެ. ކުޅުމުގެ ފުރުސަތު ނުލިބޭތީ އެކަމާ ހިތްހަމަ ނުޖެހިގެން މެއިޓްލެންޑް-ނައިލްސް، ވަނީ އޭނާ އަށް ކުޅޭނެ ފުރުސަތު ލިބޭ ކުލަބަކަށް ދާން ބޭނުންވާކަން ސޯޝަލް މީޑިއާގައި މިދިޔަ އޮގަސްޓް މަހު ހާމަކޮށްފައެވެ.

މެއިޓްލެންޑް-ނައިލްސް ރޯމާއަށް ދޫކޮށްފައި ވަނީ މި ސީޒަންގެ ނިޔަލަށެވެ. އަރިމަތިން ފަހަތަށް ވެސް ކުޅޭ މެއިޓްލެންޑް-ނައިލްސްގެ ޑީލް މި ސީޒަނަށް ފަހު ރޯމާގައި ދާއިމީ ކުރަން އެއްބަސްވުމުގައި ހިމަނަން އެ ޓީމުން ޝައުގުވެރިކަން ފާޅުކުރިއެވެ. ނަމަވެސް އާސެނަލް އިން އެގޮތަށް އެއްބަހެއް ނުވެއެވެ.

އަންނަ ސީޒަނުގެ ނިޔަލަށް އާސެނަލްއާ އެކު ކޮންޓްރެކްޓުގައި ހުރި މެއިޓްލެންޑް-ނައިލްސް މިދިޔަ ސީޒަނުގެ ފަހު ބައިގައި ކުޅުނީ ލޯނު އުސޫލުން ވެސްޓް ބްރޮމްއަށެވެ. އެއަށް ފަހު މިދިޔަ ހޫނު މޫސުމުގައި އެވަޓަންއިން އޭނާ އަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އާސެނަލް އިން ވަނީ އޭނާ ވިއްކާލަން ދެކޮޅު ހަދައިފައެވެ.

މެއިޓްލެންޑް-ނައިލްސް މި ސީޒަނުގައި އާސެނަލް އަށް 11 މެޗުގައި ކުޅެފައިވީ ނަމަވެސް ލީގުގައި ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނީ އެންމެ ދެ މެޗުގައެވެ.