ކުޅިވަރު

ބަޔާން ދެކުޅުންތެރިން ކޯވިޑަށް ޕޮޒިޓިވްވެ ރާއްޖޭގައި ތާށިވެއްޖެ


ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިސް ހުއްޓައި ބަޔާން މިއުނިކްގެ ދެކުޅުންތެރިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ ޖަރުމަނު ގޯލްކީޕަރު މެނުއަލް ނޯޔާ އާއި ފްރާންސްގެ ޑިފެންޑަރު ލޫކަސް ހެނާންޑޭޒެވެ. ކޮވިޑަށް ޕޮޒިޓިވް ވުމާގުޅިގެން މި ދެކުޅުންތެރިން ވަނީ ރާއްޖޭގައި މަޑުކުރަން ޖެހިފައެވެ.

ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބަޔާނުން އަންނަނީ 14 ދުވަހުގެ ކުރިން ނޯޔާ އާއި ހެނާންޑޭޒަށް ޓީމާ ގުޅެވޭނެ ގޮތެއް އޮތްތޯ ބަލަމުންނެވެ. އެއީ ޖަރުމަނު ލީގުގައި ބަޔާނުން މުހިއްމު މެޗުތަކެއް ކުޅެން އޮތުމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ބަޔާނުން ވިސްނަނީ މި މަހު 12 ވަނަ ދުވަހަށް އެ ކުޅުންތެރިން ގެނެވޭނެ ގޮތެއް އޮތްތޯ ބެލުމަށެވެ.

އެ ދެ ކުޅުންތެރިން ގެންދަން ހަމަޖެހިފައިވަނީ ޕްރައިވެޓް ޖެޓެއްގައެވެ. ނޯޔާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އޭނާއަށް ކޮވިޑް-19 އަށް ޕޮސިޓީވްވެ ކަރަންޓީނު ވާންޖެހިފަވާކަން ހާމަކޮށްފައެވެ. މި ހަފްތާގައި ޖަރުމަނު ލީގުގެ ކުޅުން ފަށާއިރު، ބަޔާން މިރޭ އަމިއްލަ ދަނޑުގައި ބޮރޫޝިއާ މޮންޗެންގްލަޑްބެކާ ދެކޮޅަށް ކުޅެން އޮތް މެޗު އޮންނާނެއެވެ.

ބަޔާނުން އަންނަނީ އެ ކްލަބަށް ދިމާވެފައިވާ ކޮވިޑް ހާލަތާ ހެދި މެޗު ފަސްކުރަން ހުށަހަޅަން ވިސްނަމުންނެވެ.