ކުޅިވަރު

ޖޮކޮވިޗަށް ފުރުސަތު ދިނުމަށްފަހު، އަނބުރާ ގައުމަށް


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ނޯވަކް ޖޮކޮވިޗަށް ދީފައިވަނިކޮށް، އޭނާގެ ވިސާ ކެންސަލްކޮށްލައި އަނބުރާ ގައުމަށް ފޮނުވާލަން އޮސްޓްރޭލިއާ އިން ނިންމައިފިއެވެ.

ދުބާއީން ފުރައިގެން ޖޮކޮވިޗް އިއްޔެ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން އޮސްޓްރޭލިއާގެ މެލްބަންއަށް ދިޔައެވެ. އެކަމަކު، އެއާޕޯޓްގައި އެތައް ގަޑިއިރެއް ވަންދެން ޖޮކޮވިޗް މަޑުކުރީ ވެކްސިން ޖެހިކަން ސާބިތުކޮށްދޭ ލިޔުމެއް ހޯދާށެވެ. މިދިޔަ އަހަރު ވެކްސިން ޖެހުމާ ދެކޮޅަށް ވާހަކަ ދެއްކި ޖޮކޮވިޗް ވަނީ ވެކްސިން ޖެހިކަމުގެ މައުލޫމާތު ދޭން ތަކުރާރުކޮށް ދެކޮޅު ހަދައިފައެވެ. އެހެންވެ، އޮސްޓްރޭލިއާ އިމިގްރޭޝަނުން ނިންމީ ޖޮކޮވިޗްގެ ވިސާ ކެންސަލް ކޮށްލާށެވެ.

އޮސްޓްރޭލިއަން އޯޕަންގެ ސިއްހީ ގައިޑްލައިންތަކުގައި އޮތް ގޮތުން މުބާރާތުގައި އުޅޭ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާކަން މުބާރާތް އިންތިޒާމްކުރާ ފަރާތަށް ކަށަވަރުކޮށްދޭން ޖެހޭނެއެވެ. އަދި ކޮވިޑް ވެކްސިން ނުޖަހާނަމަ މުބާރާތުގައި ބައިވެރިވެވޭނީ ވެކްސިން ނުޖަހަނީ ބަލި ހާލަތެއްގެ ސަބަބުން ސިއްހީ މާހިރެއްގެ ލަފާގެ މަތިން ކަމަށް ސާބިތުކޮށްދޭ "މެޑިކަލް އެގްޒެމްޕްޝަން" ލިޔެކިޔުން ހުށަހަޅަން ޖެހޭނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޖޮކޮވިޗް މަސައްކަތް ކުރަމުން އަންނަނީ ގާނޫނީ ގޮތުން އެޕީލްކޮށް، އަލުން ވިސާ އަށް ހުށަހަޅައިގެން މި މަހު 17 އިން 30 އަށް ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރުމަށެވެ. އެކަމަކު، ވެކްސިން މައުލޫމާތު ނުދީ ޖޮކޮވިޗަށް މުބާރާތުގައި ވާދައެއް ނުކުރެވޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ.