ކުޅިވަރު

އެރިކްސަން އަމާޒު ވޯލްޑްކަޕަށް


ފީފާ ވޯލްޑް ކަޕްގައި ޑެންމާކްގެ ގައުމީ ޓީމަށް ކުޅުމަކީ އަމާޒެއް ކަމަށް މިދިޔަ އަހަރުގެ އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ހާޓްއެޓޭކެއް ޖެހިގެން ދަނޑުން ބާލަންޖެހުނު ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ބުނެފިއެވެ.

ޓޮޓެންހަމް އަށް ކުރިން ކުޅުނު އެރިކްސަން ގެންދަން ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުން މަސައްކަތްކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. އެރިކްސަން ފަރިތަކުރަން ނިކުމެފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކުން އޭނާ އަށް ޝައުގުވެރިވާކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. މިދިޔަ އަހަރު އޮތް ޔޫރޯގެ ގުރޫޕް ސްޓޭޖުގައި އައިސްކޮލޭންޑާ ދެކޮޅަށް ކުޅެނިކޮށް އެރިކްސަން ހާޓް އެޓޭކެއް ޖެހިގެން ދަނޑު މައްޗަށް ވެއްޓުމުން، އޭނާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޓެސްޓްތަކަށް ފަހު އެނގުނީ އެރިކްސަންގެ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) އެއް ލައްވަންޖެހޭ ކަމަށެވެ. އައިސީޑީ ލެއްވުމުގެ ސަބަބުން އޭނާ އަށް އިޓާލިއަން ލީގުގައި އިންޓަ މިލާނަށް ނުކުޅެވުނެވެ. އެހެންކަމުން ދެ ފަރާތުން އެއްބަސްވެގެން، މިދިޔަ މަހު ވަނީ ކޮންޓްރެކްޓް ބާތިލްކޮށްފައެވެ. އޭގެ ފަހުން އެރިކްސަން ތަމްރީން ކުރިޔަށްގެންދަނީ އުފަން ގައުމު ޑެންމާކުގައެވެ. އޭނާ ބުނީ އަމާޒަކީ އަންނަ އަހަރު ވޯލްޑްކަޕުގައި ކުޅުން ކަމަށެވެ.