ކުޅިވަރު

ބާސެލޯނާ އެނބުރި އަތުވެއްޖެ: ލަޕޯޓާ


ޓްރާންސްފާ މާކެޓަށް ބާސާ އެނބުރި އައުމުން އެހެން ކްލަބުތަކުން ސަމާލުވާން ޖެހޭނެ ކަމަށް ކްލަބުގެ ރައީސް ޖޯއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.

ބާސާގެ ރައީސް އެފަދަ ގޮތަކަށް ވާހަކަ ދައްކަވާފައި ވަނީ މެންޗެސްޓާ ސިޓީގެ ފެރަން ޓޮރޭސް އެ ކްލަބަށް ގެންދިޔުމަށްފަހު ދެއްކި ވާހަކައިގައެވެ. ބާސާއިން ޓޮރޭސްގެ ސޮއި ހޯދީ 55 މިލިއަން ޔޫރޯގެ އަގަކަށެވެ. ބާސާގެ ފައިސާގެ ހާލަތު ހުރި ގޮތުން ޓޮރޭސް ރަޖިސްޓްރީ ކުރަން ދަތިތަކެއް ހުރި ނަމަވެސް، ކުޅުންތެރިން ވިއްކައިގެން ޓޮރޭސް ކްލަބުގައި ރަޖިސްޓްރީ ކުރަން ބާސާއިން ވަނީ ތައްޔާރު ވެފައެވެ.

ލަޕޯޓާ ވިދާޅުވީ ބާސާއިން އަބަދުވެސް މާކެޓުގައި މަސައްކަތް ކުރާނީ މަޑުމައިތިރި ކަމާއެކު ކަމަށެވެ. މި ޓްރާންސްފާ ސީޒަންގައިވެސް ބާސާއަށް އިތުރު ކުޅުންތެރިން ގެންދަން މަސައްކަތް ކުރާ ކަމަށް ލަޕޯޓާ ވިދާޅުވި އިރު، ޚަބަރުތައް ބުނާ ގޮތުން ބާސާއިން މިހާރު ހޯދަން މަސައްކަތް ކުރަނީ ޔުވެންޓަސްގެ ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާއެވެ.

ބާސާއިން ހިލޭ ޓްރާންސްފާއެއްގައި ޑެނީ އަލްވޭސް ވެސް އަނބުރާ ކްލަބަށް ގެންގޮސްފައިވާއިރު، މި މަހުން ފެށިގެން އޭނާއަށް ކުޅުމުގެ ފުރުސަތު އޮންނާނެއެވެ.