ކުޅިވަރު

އެއް އަހަރަށް ތިއާގޯ ޗެލްސީގައި މަޑުކުރަން ނިންމައިފި


ޗެލްސީ އަށް ކުޅެމުންދާ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އާކޮށްފިއެވެ.

ޕީއެސްޖީން 2020 ވަނަ އަހަރު ސިލްވާ ޗެލްސީއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އެކަމަކު، ސިލްވާ 37، ޗެލްސީގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ވެސް އޭނާ ވެގެންދިޔައީ އެ ޓީމުގެ މުހިންމު ކުޅުންތެރިއަކަށެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ޗެލްސީއަށް ކާމިޔާބުކޮށްދިނުމުގައި ސިލްވާ މުހިންމު ރޯލެއް އަދާކުރިއެވެ.

ކުރިން އޭސީ މިލާނާއި ޕީއެސްޖީ އަށް ކުޅުނު ސިލްވާ ޗެލްސީ އަށް ބަދަލުވީ ފްރޭންކް ލަމްޕާޑްގެ ހުށަހެޅުމަކަށެވެ. ޗެލްސީ އަށް އަންނަން ނިންމުމުގެ ކުރިން ސިލްވާ ނިންމައިގެން ހުރީ އުފަން ގައުމު، ބްރެޒިލްގެ ކްލަބަކާ ގުޅޭށެވެ. އެކަމަކު، ޗެލްސީގެ ހުށަހެޅުން ލިބުމާއެކު ހުރިހާ ކަމެއް ބަދަލުވީއެވެ.

އަންނަ ސީޒނުގައި ނިޔަލަށް ޗެލްސީގައި ތިއާގޯ ސިލްވާ މަޑުކުރަން ނިންމާފަވާކަމަށް އިނގިރޭސި މީޑިޔާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.