ކުޅިވަރު

އެންމެފަހުން އީގަލްސް މޮޅެވެއްޖެ


ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުން 3-2 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށް ކްލަބް އީގަލްސް އިން ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ފެޗްފެށިގެން އީގަލްސް އިން ވަނީ މެޗު ފަށައިގެން ރަނގަޅަށް ކުޅެ، ޔުނައިޓެޑް ވިކްޓްރީގެ ގޯލާ އަމާޒުކޮށް ހަމަލާ ފޮނުވަން ފަށާފައެވެ. ލަނޑެއް ޖަހަން އީގަލްސް ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 18ވަނަ މިނިޓްގައެވެ. އީގަލްސްގެ އަހުމަދު ހަސަން (އައްމަޑޭ)އަށް ލިބުނު ބޯޅަ އޭނާ ވަނީ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު އަލީ ނާޖިހު (ނާޖީ) ކައިރިން ނައްޓާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތު ޔުނައިޓެޑް ވިކްޓްރީ އަށް ވެސް ލިބުނެވެ. އެ ގޮތުން އެ ޓީމުން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ އަހުމަދު ބައްސާމް މުހައްމަދު ނާއީމް (ބައްކު) އަށެވެ.

މެޗުގެ 36ވަނަ މިނިޓްގައި ބައްކު ޖެހި ބޯޅައެއްވެސް ކީޕަރު ތޯހާ ވަނީ ހުއްޓުވާފައެވެ. މެޗުގެ 48ވަނަ މިނިޓްގައި ބައްކުއަށް ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ކީޕަރު ތޯހާ ގައިދަށުންނެވެ. ޔުނައިޓެޑް ވިކްޓްރީގެ ބަކާ އަތުން ހާފުގެ މެދުތެރެއިން ގެއްލުނު ބޯޅައެއްގައި އީގަލްސްއިން ކުރި އެޓޭކަކުން އަޒުވާން ވަނީ އެ ޓީމުގެ ދެ ވަނަ ގޯލު ޖަހާފައެވެ. ދެވަނަ ފަހަރަށް ޔުނައިޓެޑް ވިކްޓްރީއަށް އެއްވަރުކޮށްދިނީ މެޗުގެ 80ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ބަކާއެވެ.

އީގަލްސް މޮޅުވި ގޯލު ޖެހީ މެޗުގެ 89ވަނަ މިނިޓްގައި ހަންނައެވެ. ޔުނައިޓެޑް ވިކްޓްރީގެ އޭރިއާތެެރެއަށް ބޯޅަ ހިފައިގެން ގޮސް ހަންނަ ވަނީ ގޯލު ތެރެއަށް ފޮނުވާލާފައެވެ.

މިއަދުގެ މޮޅާ އެކު އީގަލްސް ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ ހަވަނައަށް ޖެހިލައިފައެވެ. އެއީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކުއެވެ. ޔުނައިޓެޑް ވިކްޓްރީ އޮތީ ހަތަރު މެޗުން ޕޮއިންޓެއް ހޯދައިގެން ލީގުގެ ފުލުގައެވެ. ހަތް ވަނައިގައި އޮތީ ތިން މެޗުން ޕޮއިންޓަކާ އެކު އޮތް ދަ ގްރާންޑޭއެވެ.