ކުޅިވަރު

ތިންމެޗަށްފަހު ލީޑްސް އިން މޮޅެއް ހޯދައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ލީޑްސް ޔުނައިޓެޑުން މޮޅެއް ނުހޯދި ތިންމެޗަށްމަށްފަހު ރޭ ގެ މެޗު އެޓީމުން ކާމިޔާބުކޮށްފިއެވެ. އާއަހަރުގެ ފުރަތަމަ މެޗުގައި ލީޑްސް ނުކުތީ އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށެވެ. މެޗު ލީޑްސް ކާމިޔާބުކުރީ 3-1 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ލީޑްސްއިން ކާމިޔާބުކުރީ މެޗުގެ ފުރަތަމަހާފް ނިމެން ހަމިނިޓަށް ވެފައިވަނިކޮށެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެކް ހެރިސަންއެވެ. މިއީ ހެރިސަން ލީޑްސް ޔުނައިޓަށް މި ސީޒަންގައި ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މެޗުގެ ދެވަނަ ހާފްފަށައިގެން މާގިނައިރު ތަކެއް ނުވެ މެކްސްވެލް ކޯނެޓް ވަނީ ހިލޭ ޖެހުމަކުން ބާންލީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ލީޑްސް އަށް މެޗުގައި ލީޑު ނަގައިދިނީ ޑަލާސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެޓީމަށް އިތުރަށް ލީޑް ފުޅާކޮށްދިނީ މެޗުގެ އިތުރުވަގުތުގައި ޖޭމްސްއެވެ.

މި ނަތީޖާއެކު ލީޑްސް 16 ވަނައިގަ އޮތީ ކުޅުނު 19 މެޗުން ހޯދި 19 ޕޮއިންޓާއެކުއެވެ. ބާންލީއަށް މިދިޔަ އޮކްޓޯބަރު މަހު ލީގުގައި މޮޅެއް ހޯދުނުފަހުން އަދި އެޓީމު މޮޅުވެފައެއް ނުވެއެވެ. ބާންލީ އޮތީ 17 ވަނާގައިވާ ވޯޓްފޯޑްއަށް ވުރެ ދެމެޗު މަދުން ކުޅެގެން 11 ޕޮއިންޓާ އެކު 18 ވަނައިގައެވެ.