ކުޅިވަރު

ސާކްގެ ޓީޓީ މުބާރާތް ރާއްޖޭގައި ބާއްވަން ލަންކާއިން ފުރުސަތު ދޫކޮށްލައިފި


މި އަހަރު ބާއްވަން ކަނޑައަޅާފައި އޮތް ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ހޯސްޓް ކުރުމުގެ ފުރުސަތު ލަންކާ އަށް ދީފައިވަނިކޮށް، އެ ފުރުސަތު ރާއްޖެ އަށް ދިނުމަށް ލަންކާ އިން ނިންމައިފިއެވެ.

ކުރިން ހަމަޖެހިފައި އޮތީ 2021 ގެ ޖޫނިއާ ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ފަހު 2022 ގައި ލަންކާގައި ބޭއްވުމަށެވެ. އެހެންނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި 2021 ގެ މުބާރާތް ބޭއްވޭ ގޮތެއް ނުވިއެވެ. ޓީޓީއޭއެމްއިން ހާމަކުރި ގޮތުގައި ރާއްޖޭގައި މިދިޔަ އަހަރު މުބާރާތް ނުބޭއްވުނު ނަމަވެސް، ގައުމުތަކުގެ ވިސްނުން ހުރީ 2022 ގައި ލަންކާ އަށް ދީފައިވާ ފުރުސަތުގައި ކުރިއަށް ދިއުމަށެވެ.

މި އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ ސެޕްޓެމްބަރު މަސް ތެރޭ އިންޓަނޭޝަނަލް ޓީޓީ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ މުބާރާތް ކުރިއަށް ގެންދާނީ ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެންނެވެ.

ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ މުބާރާތް ރާއްޖޭގައި ކުރިއަށް ދާނީ މާޗު 20-22 އަށެވެ.