ކުޅިވަރު

މެސީ ކޮވިޑަށް ޕޮޒެޓިވް ވެއްޖެ


އާޖެންޓީނާ ތަރި ލިއޮނަލް މެސީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ޕޮޒިޓިވްވުމާ އެކު މެސީ އަށް އަންނަ ހޮނިހިރު ދުވަހު ފްރެންޗް ލީގުގައި ލިޔޯނާ ދެކޮޅަށް ކުޅޭ މެޗު ވެސް ގެއްލޭނެ ކަމަށް ބެލެވެއެވެ.

އާ އަހަރުގެ ޗުއްޓީ އަށް މެސީ ވަނީ އާއިލާއާއެކު އާޖެންޓީނާގެ ރޮޒާރިއޯ އަށް ގޮސްފައެވެ. ޗުއްޓީ އަށް ގޮސްފައި އެނބުރި އައިއިރު، މެސީގެ އިތުރުން ޕީއެސްޖީގެ ތިން ކުޅުންތެރިއަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މެސީ ހިމެނޭ ގޮތަށް ޕީއެސްޖީގެ ހަތަރު ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވް މިވީ އާ އަހަރަށް ފްރާންސް ފުޓްބޯޅަ ސީޒަން މެދުކެނޑާލުމަށް ފަހު އަލުން ސީޒަން ފަށަން ކުރި ޓެސްޓްތަކުންނެވެ. މެސީގެ އިތުރުން ދެން ޕޮޒިޓިވްވި ތިން ކުޅުންތެރިންނަކީ ސްޕެއިނުގެ ފުލްބެކް، ހޫލިއަން ބެނާޓް އާއި ގޯލްކީޕަރު ސާޖިއޯ ރިކޯގެ އިތުރުން ޒުވާން މިޑްފީލްޑަރު ނޭތަން ބިޓޫމަޒާލާއެވެ.

ހިލޭ ޓްރާންސްފާއެއްގައި މި ފަހަރު ޕީއެސްޖީ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ބަދަލުވި މެސީ އަށް ފްރެންޗް ލީގުގެ 11 މެޗުން ޖެހުނީ އެންމެ ގޯލެކެވެ. އެހެންނަމަވެސް، ޗެމްޕިއަންސް ލީގުގެ ހަ މެޗުގައި މެސީ ވަނީ ފަސް ގޯލު ޖަހައިފައެވެ.