ކުޅިވަރު

ޓެރީ އެނބުރި ޗެލްސީއަށް


ޗެލްސީގެ އެކެޑަމީގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ އެ ކްލަބާ އަލުން ގުޅިއްޖެއެވެ.

ޗެލްސީގެ އެކެޑަމީގައި އަންނަ މަހުން ފެށިގެން ޓެރީ ޕާޓް ޓައިމްކޮށް ކުޅުންތެރިންނާއި ކޯޗުންނާއެކު މަސައްކަތްކުރާނެ ކަމަށް އެކުލަބުން މައުލޫމާތުދެއެވެ. ޗެލްސީއާއެކު ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރި 15 އަހަރުގެ ތެރޭގައި ޓެރީ ވަނީ 15 ތަށި ހޯދައިފައެވެ. ޗެލްސީ ދޫކޮށް ޓެރީ އޭނާގެ ކެރިއަރުގެ ފަހު އަހަރު ކުޅުނީ އެސްޓަން ވިލާއަށެވެ.

ޗެލްސީގެ ހެޑް އޮފް ޔޫތު ޑިވެލޮޕްމަންޓް ނީލް ބާތު ބުނީ ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ޓެރީ ހޯދާފައިވާ ތަޖުރިބާގެ ސަބަބުން، އެކެޑަމީގެ ކުޅުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ. ކުޅުން ހުއްޓާލުމަށް ފަހު ޓެރީ ވަނީ ވިލާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި 2018 އިން 2021 އަށް މަސައްކަތްކޮށްފައެވެ.