ކުޅިވަރު

ޗެލްސީ މެޗުގެ ކުރިން ކުލޮޕް ކޮވިޑަށް ވޮޒެޓިވް ވެއްޖެ


ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ކޮވިޑަށް ޕޮޒިޓިވްވެ، މާދަމާރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ގެއްލިއްޖެއެވެ.

ޗެލްސީ ދަނޑުގައި ކުޅޭ މެޗުގެ ކުރިން މި ހަފްތާގައި ލިވަޕޫލުން ކުރި ފުރަތަމަ ކޮވިޑް ޓެސްޓްގައި އެ ޓީމުގެ ތިން ކުޅުންތެރިއަކާއި ދެ ކޯޗިން ސްޓާފަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު އެލިސަން ބެކާ އާއި ފޯވާޑް ރޮބާޓޯ ފިރްމީނޯ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެންމެ ފަހުން ބޭއްވި ލިވަޕޫލްގެ ޕްރެކްޓިހުގައި އެލިސަން އާއި ފިރްމީނޯ ބައިވެރިނުވެއެވެ.

ކޮވިޑަށް ޕޮޒިޓިވްވެގެން ދާދި ފަހުން ލިވަޕޫލްގެ ވާޖިލް ވެން ޑައިކާއި ފަބީނިއޯ، ތިއާގޯ އަލްކަންޓާރާ އަދި ކާޓިސް ޖޯންސް ވެސް ކުޅުމާ ދުރަށްދާން ޖެހުނެވެ. އޭގެ ތެރެއިން ވެން ޑައިކާއި ފަބީނިއޯ އަދި ޖޯންސް އެނބުރި އައިސްފައިވާއިރު، ތިއާގޯގެ އުނަގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އަދިވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ.

ލިވަޕޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޗުގެ ކުރިން ޓެސްޓްތަކުން ކްލޮޕް ޕޮޒިޓިވްވެފައިވާ ކަމަށާއި އެހެންވެ، އޭނާ މި ވަގުތު ހުރީ އައިސޮލޭޝަނުގައި ކަމަށެވެ. އަދި ޕްރޮޓޮކޯލާ އެއްގޮތަށް އަމަލުކުރަން ޖެހޭތީ ކްލޮޕް ކުރިއަށް އޮތް ހަތް ދުވަހު ޓީމާއި ދުރުގައި ހުންނައިރު، ޓީމު ލީޑުކުރުމުގެ ޒިންމާ ބެންޗުގައި އިނދެގެން ނަގާނީ އެސިސްޓަންޓް ކޯޗު ޕެޕް ލިންޑާސް ކަމަށް ލިވަރޕޫލްގެ ބަޔާނުގައި ވެއެވެ.

ބެންޗުގައި ހުރެ ލިންޑާސް ފުރަތަމަ ޓީމު ލީޑުކުރާނީ ޗެލްސީ މެޗުގައެވެ.