ކުޅިވަރު

ބާސެލޯނާގެ ޓާގެޓް މޮރާޓާއަށް


ބާސެލޯނާ އިން ޔުވެންޓަސް އަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މޮރާޓާ މި ވަގުތު ޔުވެންޓަސްގައި ހުރީ އެތުލެޓިކޯ މެޑްރިޑްގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން ޔުވެންޓަސް އިން ބޭނުން ނަމަ އެއްބަސްވުން ދާއިމީކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ ލޯން އެއްބަސްވުން ހަމަވުމުން 35 މިލިއަން ޔޫރޯ ދައްކައިގެންނެވެ.

އެއްބަސްވުން ދާއިމީ ނުކޮށް ލޯން އެއްބަސްވުން އާ ކުރާނަމަ ކޮންމެ ސީޒަނަކަށް 10 މިލިއަން ޔޫރޯގެ ލޯން ފީއެއް ދައްކަން ޖެހޭނެއެވެ. މޮރާޓާ ދޫކޮށްލުމަށް ފަހު ޔުވެންޓަސް އިން ގެންނަން ބޭނުންވަނީ ޕީއެސްޖީގެ އާޖެންޓީނާ ފޯވާޑް މައުރޯ އިކާޑީއެވެ. ބާސެލޯނާ އިން އޮތީ މޮރާޓާ ގެންނަން ކުރާ މަސައްކަތުގައި އެ ޓީމަށް ކުޅޭ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި ވިއްކާލަން ތައްޔާރަށެވެ.

ބާސެލޯނާ އިން ވަނީ މެންޗެސްޓާ ސިޓީ އަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް ފެރާން ޓޮރޭޒްގެ ސޮއި ހޯދައިފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ބާސެލޯނާ އިން މިހާރު ވަނީ މޮރާޓާ ގެންނަން އޭނާއާ އެކު އެއްބަސްވުމަކާ ހަމައަށް އައިސްފައެވެ.