ކުޅިވަރު

ޓީސީ ބަލިކޮށް މާޒިޔާ ކުރިޔަށް


ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެ ޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.

ރޭގެ މެޗުގެ 17 ވަނަ މިނިޓްގައި ޓީސީން ވަނީ ރަނގަޅު ފުރުސަތެއް ތަނަަވަސްކޮށްފައެވެ. މާޒިޔާ އިން ޓީސީ ހާފް ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުކުރީ މެޗުގެ 38 ވަނަ މިނެޓްގައެވެ. މާޒިޔާގެ އަހުމަދު ޢަބްދުﷲ (ލިލީ) މަތިން އޭރިއާތެރެއަށް ބޯޅަ ހުރަސްކޮށްލި ވަގުތުގައި އެ ޓީމުގެ އިބްރާހީމް އައިސަމް ބޮލުން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

އޭގެ ހަ މިނިޓް ފަހުން މާޒިޔާގެ ލީޑުފުޅާކޮށްދިނީ އިބްރާހީމް ވަހީދު ހަަސަން (އިއްބެ) އެވެ. މެޗުގެ 79 ވަނަ މިނިޓްގައި މާޒިޔާގެ ކޯނޭ ވަނީ ގޯލެއް ޖަހައިފައެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ ޢަބްދުﷲ (އަސައްކޮ) ނަގައިދިން ހުރަހަކުން ކޯނޭ މި ގޯލު ޖެހިއިރު ހުރީ އޮފްސައިޑްގައި ކަމަށްވާތީ އެ ގޯލު ބަލައިނުގަތެވެ. ޓީސީގެ ގޯލު ޖެހީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި މުޙައްމަދު މުސްލިހު (މުއްޓި) އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ކޮންމެ ޓީމެއް ވަނީ ތިން މެޗު ކުޅެފައެވެ. އެއް ވަނައިގައި އޮތް ވެލެންސިއާ އާއި ދެ ވަނައިގައި އޮތް މާޒިޔާ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ހަތަރެއްގައި އޮތް ސަސް ވަނީ ހަ ޕޮއިންޓް ލިބިފައެވެ.

ފަސް ވަނައިގައި އޮތް ޓީސީ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ދަ ގްރާންޑޭ އާއި ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ވަނީ ޕޮއިންޓެއް ލިބިފައެވެ.

އީގަލްސް ފުލުގައި އޮތީ ތިން މެޗުން ބަލިވެ ޕޮއިންޓެއް ވެސް ނުލިބިއެވެ.