އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅިގެން އަންނަމަހުން ފެށިގެން ސަރުކާރުގެ މުވައްޒަފުންނަށްދޭ މިނިމަމް ވޭޖް އެލަވަންސް، 11،800 އަށްވުރެ ގިނަ މުވައްޒަފުންނަށް ލިބޭނެކަން ނޭޝަނަލް ޕޭކޮމިޝަނުން ހާމަކުރައްވައިފިއެވެ. 
މިކަން ހާމަކުރައްވާފައިވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅިގެން ދައުލަތުގެ އިދާރާތަކުން އަމަލު ކުރަން ޖެހޭނެ ގޮތާގުޅޭގޮތުން ނޭޝަނަލް ޕޭ ކޮމިޝަނާއި ސިވިލް ސާރވިސް ކޮމިޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. 
1 ޖެނުއަރީ 2022އިން ފެށިގެން މިނިމަމް ވޭޖާ އެއްގޮތަށް ތަންފީޒުކުރަން ނިންމާފައިވާ އެންމެ ކުޑަމިނުން ލިބޭ އުޖޫރަ ސިވިލް ސަރވިސް މުވައްޒަފުންނަށް ދޭނީ އަސާސީ މުސާރައަށް އެއްވެސް ބަދަލެއް ނުގެނެސް ފިކްސްޑް އެލަވަންސެއް ގޮތަށް ކަމަށް ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. 
އަންނަ މަހުން ފެށިގެން  ތަޢާރަފް ކުރާ "މިނިމަމް ވޭޖް އެލަވަންސް"އާއެކު ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން މި އެލަވަންސް ލިބޭނެ ރޭންކުތަކުގައި ހިމެނޭ މުވައްޒަފުންނަށް، އެއް ރޭންކެއް ކަމުގައިވާނަމަ، އަސާސީ މުސާރައާއި ފިކްސްޑް އްލަވަންސްތަކުގެ ޖުމްލަ އެއްގޮތްވާނެކަމަށާ، މިއާއެކު މިހާރު ހުރި ތާފާތުތައް ނައްތާލެވޭނެކަމަށް ޕޭ ކޮމިޝަނުން ވިދާޅުވިއެވެ.
އަދި "މިނިމަމް ވޭޖް އެލަވަންސް" ތަޢާރަފްކުރުމުން، ދިވެހި ސިވިލް ސަރވިސްގެ 8 ރޭންކެއްގައި ހިމެނޭ -/7000 ރުފިޔާއަށްވުރެ މަދުން މުސާރަލިބޭ 11,800އަށްވުރެ ގިނަ މުވައްޒަފުންނަށް މިނިމަމް ވޭޖް އެލަވަންސްގެ ނަމުހައި މި ތަޢާރަފްކުރާ އެލަވަންސް ލިބިގެންދާނެއެވެ. 
މީގެ ތެރެއިން %50 މުވައްޒަފުންނަށް 1500 ރުރިޔާއަށްވުރެ މަތީ މިންވަރެއް ލިބިގެންދާނެއެވެ. އަދި %35 މުވައްޒަފުންނަށް 1000 ރުފިޔާ އާއި 1500 ރުފިޔާ އާއިދެމެދުގެ މިންވަރެއް ލިބިގެންދާއިރު، %11 މުުވައްޒަފުންނަށް 1000 ރުފިޔާ އާއި 500 ރުފިޔާ އާދެމެދުގެ މިންވަރެއް ލިބިގެންދާނެއެވެ. 500 ރުފިޔާއިން ދަށުގެ މިންވަރު ލިބޭނީ %4 މީހުންނަށެވެ. 
މިިނިމަމް ވޭޖްލިބޭ  މުވައްޒަފުން ހިމެނޭ ރޭންކުތަކުގެ ތެރެއިން ސަޕޯޓް ސަރވިސް ރޭންކުގައި ހިމެނޭ އެސްއެސް 1 އިން އެސްއެސް 4އަށް މިހާރު ލިބޭ މުސާރައިގެ މިންވަރާއި، މިނިމަމް ވޭޖް އެލަވަންސްއާ އެކު އަންނާނެ ކުރިއެރުން ޕޭކޮމިޝަނުންވަނީ ފާހަގަކުރައްވާފައެވެ. 
މީގެ އިތުރުން ޖެނަރަލް ސަރވިސް ރޭންކުގެ ޖީއެސް 1 އިން ޖީއެސް 4 އަށް އަންނާނެ ކުރިއެރުންތައްވެސް ޕޭކޮމިޝަނުންވަނީ އާންމުކުރައްވާފައެވެ. މިއީ ވަގުތީ ބަދަލެއްކަން ފާހަގަކުރައްވައި މިނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު ފައިޒަލް ވިދާޅުވީ، އަސާސީ މުސާރަ ބޮޑުނުކޮށް އެލަވަސްދޭން ނިންމާފައިވަނީ އަސާސީ މުސާރަ ބޮޑުކުރުމަކީ ގިނަ ދުވަސްތަކެއް ހޭދަވާނެ ބުރަ މަސައްކަތަކަށްވާތީކަމަށެވެ. 
"އަސްލު މިހާރުވެސް މަގާމްތަކުގެ މުސާރައިގަ އެބަހުރި ވަރަށް ގިނަ ތަފާތުތަކެއް. އެމައްސަލަ ހައްލުކުރަންޏާ އަޅުގަނޑުމެން އެބަޖެހޭ މުސާރައިގެ މުޅި ސްޓްރަކްޗާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން. ދެން އެމަސައްކަތް ކުރިއަށްއެބަދޭ" ފައިޒަލް ވިދާޅުވިއެވެ. 
މި ނޫސްވެރިންގެ ބައްދަލުވުމުގައި ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓަ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ މިނިމަމް ވޭޖް އެލަވަންސް ލިބޭ މުވައްޒަފުންނަށް އަންނަ މަހުގެ 15 ގެ ކުރިން މުސާރައަށް އަންނާނެ ބަދަލުތައް އަންގާނެ ކަމަށާއި އެކި މުވައްޒަފުންނަށް ލިބޭ އެލަވަންސްގެ އަދަަދުތައް ތަފާތުވާނެކަމަށެވެ.