ކުޅިވަރު

ނަތީޖާ އަނބުރާލަން އަދި ވަގުތު ނަގާނެ: ނިޒާމް


ޓީސީގެ ޒުވާން ސްކޮޑުގައި ތިބީ ތަޖުރިބާ މަދު ކުޅުންތެރިން ކަމަށްވުމުން މެޗުތަކުގައި ނަތީޖާ އަނބުރާލަން އަދި ވަގުތު ބޭނުންވާ ކަމަށް އެޓީމުގެ ކޯޗު މުޙައްމަދު ނިޒާމް ބުނެފިއެވެ.

ޕްރެޒިޑެންޓް ކަޕުގައި ސުޕަޔުނައިޓެޑު އަތުން ބަލިވި މެޗަށްފަހު ވާހަކަދައްކަމުން ނިޒާމް ބުނީ ޒުވާން ކުޅުންތެރިންނާއެކު މިފަދަ ނަތީޖާއެއް ނުކުމެދާނެކަމަށް ގަބޫލްކުރާކަމަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ދިޔައީ ކުޅުންތެރިން މާބޮޑަށް ހަމަޖެހިލައިގެން ތިބިތަން ކަމަށާއި އެކަމަކު މެޗުގައި ދެވަނަ ހާފު ފަށައިގެން ކުޅުންތެރިންގެ ފަރާތުން އެކަން ބަދަލުވިކަމަށެވެ. ނިޒާމް ބުނީ އެކަށީގެންވާ ގޮތެއްގައި އޭނާގެ ޓީމުން މަސައްކަތްކުރި ކަމަށާއި މެޗުގެ ފުރަތަމަ ހާފުގައި ނަތީޖާ އެނބުރިފަ އޮތުމުން އެކަން ބަދަލުކުރަން ދެވަނަ ހާފުގައި އުނދަގޫވިމަށެވެ.

އޭނާ ބުނީ ޖުމްލަކޮށް ބަލާއިރު ޓީމުން މެޗުގައި ދެއްކި ކުޅުން ރަނގަޅުކަމަށެވެ. އެހެން ނަމަވެސް ހަމައެކަނި މައްސަލައަކީ ނަތީޖާ ކަމަށް ނިޒާމް ބުންޏެވެ. މެޗުގައި ޓީސީއަށް ލިބުނު ޕެނިލްޓީ ކާމިޔާބު ކުރެވުނު ނަމަ ނަތީޖާ އެނބުރިދާނެ ކަމަށް ގަބޫލްކުރާކަމަށް ނިޒާމް ބުންޏެވެ.

" މީގަ ދެން ޒުވާން ކުޅުންތެރިން ލައިގެން ކުޅޭއިރު މިކަހަލަ ނަތީޖާތައް ނުކުމެދާނެ ކަމަށް ގަބޫލް ކުރަންވާނެ. އޯވަރޯލްކޮށް ކުޅުން ހަމަ ގޯހެއް ނޫން، އެކަމު ނަތީޖާ މައްސަލައަކަށް މިވީ" ނިޒާމް ބުންޏެވެ.

ނިޒާމް ބުނި މުބާރާތަކަށް ނުކުންނައިރު އޭނާ އަބަދުވެސް ނުކުންނާނީ އެ މުބާރާތެއް ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށާއި ޓީސީގެ ކުޅުން މެޗަކަށްފަހު މެޗެއް ރަނގަޅުކޮށްފިކަމަށް ވާނަމަ އެއީ އުނދަގޫކަމެއް ނޫންކަމަށް ނިޒާމް ބުންޏެވެ. ފުރަތަމަ މެޗު އީގަލްސް އަތުން ހޯދި މޮޅާއެކު ޓީސީ ވަނީ ތިން ޕޮއިންޓު ހޯދާފައެވެ.

މުބާރާތުގައި ޓީސީ ދެން ނުކުންނާނީ މާޒިޔާ ދެކޮޅަށެވެ.