ކުޅިވަރު

މުހިންމީ ތިންޕޮއިންޓް، ގިނަ ގޯލްތަކެއް ނޫން: މޯހަން


މާޒިޔާއަށް މުހިންމީ ތަފާތުބޮޑު ނަތީޖާއެއް ނޫންކަމަށާއި މުހިންމީ ތިން ޕޮއިންޓުކަމަށް އެޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ޕްރެޒިޑެންޓްކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެފަހުން އީގަލްސް އަތުން މޮޅުވި މެޗަށްފަހު މޯހަން ބުނީ އެންމެ މުހިންމު ކަމަކީ ރަނގަޅު ބޯޅައެއް ކުޅެގެން މޮޅުވުން ކަމަށެވެ. ރަނގަޅު ބޯޅައެއް ކުޅެ މޮޅުވުމަކީ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް މެޗަށްފަހު މޯހަން ވަނީ ބުނެފައެވެ. އޭނާ ބުނީ ދެން އެންމެ ބޮޑު ވިސްނުމެއް ހުރީ ޓީސީ މެޗަށްކަމަށެވެ. މޯހަން ބުނީ މެޗުގައި ކުޅުންތެރިން ފަރާތުން ފެނިގެން ދިޔައީ މޮޅު ކުޅުމެއް ކަމަށާއި، ކުޅުންތެރިންގެ އަތުން ބޯޅަ ގެއްލުމުން އަލުން ބޯޅަ އަތުލުމާ ކަންކަން ކުޅުންތެރިން ހުޝިޔާރުކަން ވަރަށް ރަނގަޅަށް ފެނުނުކަމަށެވެ.

"ކިހާވަރަކަށް ބޯޅަ ކުޅެވުނުތޯ. ކިހާ ފުރުސަތެއް އުފެއްދުނުތޯ. އިދިކޮޅު ޓީމަށް ފުރުސަތުތަކެއް ނުދީ ކުޅެވުނުތޯ. އަޅުގަނޑުމެންނަށް އެންމެ މުހިންމު ކަންތައް ހާސިލު ވެއްޖެ" މޯހަން ބުންޏެވެ.

މޯހަން ބުނީ، ކިތަންމެ ފެންވަރު ރަނގަޅު ޓީމަކާއި ކިތަންމެ އާދައިގެ ޓީމަކާ ކުޅެން ޖެހުނަސް ކޮންމެ ފަހަރަކު ބޮޑު ތަފާތަކުން ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ. އޭނާ ބުނީ އީގަލްސް މެޗުގައި ޕްރެޝަރެއް ނެތި މާޒިޔާގެ ކުޅުންތެރިން ކުޅެފައިވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

އެންމެ ފަހުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ މޮޅުވީ އެއް ލަނޑުގެ ފަރަގަކުންނެވެ. ނަތީޖާ ފަރަގު ކުޑަ ވިޔަސް މާޒިޔާ ދެއްކި ކުޅުމާމެދު މޯހަން ހިތްހަމަޖެހެއެވެ. ޗެރިޓީ ޝީލްޑްގައި މާޒިޔާ އިން ވެލެންސިއާ ކޮޅަށް ފަސް ލަނޑު ޖަހައިގެން މޮޅުވިއެވެ. އެކަމަކު ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު ދެ މެޗުން ވެސް މާޒިޔާ މޮޅުވީ ފަރަގު ކުޑަކޮށެވެ. ތާވަލްގެ އެއްވަނައިގައި ވެލެންސިއާ އޮތީ ފައިދާ ގޯލުން މާޒިޔާ އަށް ވުރެ ކުރި ލިބޭތީއެވެ.