ކުޅިވަރު

އެންމެ ހިތްހަމައެއް ނުޖެހޭ، ކުޅުންތެރިން ތަންކޮޅެއް ދަށްކޮށް ފެނުނީ: މޯހަން


ޕްރެޒިޑެންޓް ކަޕްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 2-0 އިން މާޒިޔާ މޮޅުވިޔަސް، އެޓީމުގެ ކުޅުމާމެދު، ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) ހިތްހަމަ ނުޖެހޭކަން ހާމަކޮށްފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން މޯހަން ބުނީ ތިން ޕޮއިންޓް ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އޭނާގެ ޓީމުގެ ފަހަތަށް އަމާޒުވާ ބޯޅަތާކާމެދު ކުޅުންތެރިން އިތުރަށް ފަރުވާތެރި ވާންޖެހޭކަމަށް މޯހަން ބުންޏެވެ. މެޗާމެދު ހިތްހަމަނުޖެހޭ ސަބަބެއް ކަމަށް މޯހަން ބުނީ އޯޕަން ޕްލޭގައި އުފެއްދުނު ފުރުސަތުތައް ބޭނުން ނުކުރެވުމާއި ކޮމްބިނޭޝަން ޕްލޭގައި އެންމެ ރަނގަޅު ކުޅުން ފެނިގެން ނުދިއުމެވެ.
އޭގެ އިތުރަށް އޭނާ ބުނީ ކުޅުންތެރިންގެ އެޓިޓިޔުޑް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. މޯހަން ބުނީ މެޗުގައި މާޒިޔާ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ފެންނަންޖެހޭ ވަރަށްވުރެ ދަށްކުޅުމެއް ކަމަށާއި މިއީ އެންމެ ހިތްހަމަޖެހޭ ގޮތަށް ކުޅެވުނު ދުވަހެއް ނޫންކަމަށެވެ.

ސަސްގެ ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) ބުނީ ޓީމު މެޗަށް ތައްޔާރުުވި ގޮތާއި ސީޒަންގެ ފުރަތަމަ މެޗާ އަޅާބާލައިރު ކުޅުންތެރިން ކުރި މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއެކު ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ކުޅުމެއް ފެނިގެން ދާނެކަމުގެ އުންމީދު ލިބިއްޖެ ކަމަށެވެ.

މެޗު ފެށުމުގެ ކުރިން ފުރިހަމަނުކޮށް ނިންމާލި މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޝީލްޑް އެފްއޭއެމުން ވަނީ މާޒިޔާއާ ހަވާލުކޮށްފައެވެ.