ކުޅިވަރު

ތަފާތު ބޮޑުކޮށް ބަލިވެދާނެކަމަށްކަށް ހިޔެއް ނުކުރަން: ސާންތި


ޕްރެޒިޑެންޓް ކަޕު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ވެލެންސިޔާ އަތުން ތަފާތު ބޮޑުކޮށް ބަލިވެދާނެ ކަމަށް ހީނުކުރާ ކަމަށް ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އިހްސާން އަބުދުލްޣަނީ (ސާންތި) ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ސާންތި ބުނީ އޭނާގެ ޓީމު މެޗަށް ނުކުތީ އެންމެ ދަށް ވެގެން ޕޮއިންޓެއް ހޯދުމުގެ އަމާޒުގައި ކަމަށެވެ. އެކަމަކު އެހާ ތަފާތު ބޮޑުކޮށް ބަލިވުމަކީ އޭނާ ހީނުކުރާވަރުގެ ބޮޑު ނަތީޖާއެއް ކަމަށެވެ. ސާންތީ ބުނީ މެޗުގެ ތަފާތަކަށް ވެގެން ދިޔައީ ވެލެންސިޔާގެ ވަކިވަކި ކުޅުންތެރިންގެ ހުނަރު ކަމަށާއި އެކުޅުންތެރިން މެޗުގައި ފެނުނީ ވަރަށް ތަފާތުކޮށްކަމަށެވެ. އެހެންނަމަވެސް ނަތީޖާގެ ފަރަގު މިހާ ބޮޑުވެދާނެކަމަކަށް އޭނާ އެއްގޮތަކަށް ވެސް އުންމީދު ނުކުރާކަމަށް ސާންތި ބުންޏެވެ. ވެލެންސިއާ މެޗަށް ނުކުތީ ފޯވާޑް، ޢަލީ އަޝްފާގް (ދަގަނޑޭ) ނުލައެވެ.

އަނިޔާވެފައި ވީނަމަ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދަގަނޑޭގެ ނަން ލިސްޓުގައި ޖަހާފައި އިންނަމަވެސް އޭނާ ރޭގަ މެޗުގައި ކުޅެފައެއްނުވެއެވެ. ވެލެންސިއާގެ ކޯޗު އާފިއު މުޙައްމަދު ހަމީދު ބުނީ، އަޝްފާގްގެ ފަޔަށް އަނިޔާވެފައިވާ ކަމަށެވެ. ވެލެންސިއާ ދެން ކުޅެން ޖެހޭ މެޗަށް އޭނާ ފިޓް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އާފިއު ބުންޏެވެ. އާފިއު ބުނީ މެޗުގެ ފުރަތަމަ ކޮޅު ދިޔައީ އުނދަގޫކޮށް ކަމަށެވެ. އުނދަގޫވި ސަބަބެއް ކަމަށް އޭނާ ބުނީ، ފުރުސަތު ލިބުނު ނަމަވެސް ފުރަތަމަ ލަނޑެއް ޖެހިފައި ނުވުމެވެ. އޭނާ ބުނީ އެހާ އުނދަގޫ މެޗުގެ ފުރަތަމަ ކޮޅު ދިޔައީ ނަތިޖާ ނެރެންޖެހޭ މެޗަކަށް ވުމާއި ތިން ޕޮއިންޓުގެ މުހިންމުކަން ބޮޑު ވުމުގެ ސަބަބުން ކަމަށެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ސެންޓޭ ބުނީ ޗެރިޓީ ޝީލްޑް މެޗުގައި ކުރިމަތިވި ބައްޔަށް ފަހު، މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ތިން ޕޮއިންޓް ލިބުމަކީ މާޒިޔާގެ މެޗުގައި ކުރިމަތިވި ހިތްދަތި ކަމުން އަރައިގަތުމަށް ލިބުނު ހިތްވަރެއް ކަމަށެވެ. ސެންޓޭ ބުނީ އޭނާ އަށް ދެ ލަނޑު ޖެހުމަށް ވުރެ އުފަލަކީ ޓީމަށް ތިން ޕޮއިންޓް ލިބުން ކަމަށެވެ.