ކުޅިވަރު

މެޗުން މޮޅުވީ ކުޅުންތެރިންގެ ތަޖުރިބާއިން: ނިސްތާރު


ޕްރެޒިޑެންޓްކަޕް ފުޓްބޯޅަ މުބާރާތުގައި ދަގްރާންޑޭ އަތުން ތަފާތު ބޮޑުކޮށް މޮޅުވެވުނީ ޓީމުގައި ތިބި ކުޅުންތެރިން ތަޖުރިބާއިން ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު ޢަލީ ނިސްތާރު ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ނިސްތާރު ބުނީ މި ތިން ޕޮއިންޓް މުހިއްމު ވާ، އެންމެ ބޮޑު ސަބަބަކީ ކުރިއަށް އޮތީ ވެލެންސިއާއާ ދެކޮޅަށް ނިކުންނަންޖެހޭ މެޗަށްވާތީ ކަމަށެވެ. އަދި ގްރީން ސްޓްރީޓްސް މޮޅުވީ އެ ޓީމުގައި ތިބި ވަކިވަކި ކުޅުންތެރިންނަކީ ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ހުރި ކުޅުންތެރިންނަށް ވާތީކަމަށްވެސް ނިސްތާރު ފާހަގަކުރިއެވެ. އަދި މިހާރު ގްރީންގައި އޮތް ޓީމަކީ ފާއިތުވި އަހަރުތަކާއި އަޅާބަލާއިރު އެއްޓީމެއް ކަމަށާއި އެއީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ދަ ގްރާންޑޭގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މުޅިން އަލަށް މި ލެވަލްގައި ގަލޮޅު ދަނޑުގައި ކުޅުނު ކުޅުންތެރިންތަކަކަށް ބަލާއިރު، އެ ޓީމުން ދެއްކި ކުޅުން ރަނގަޅު ކަމަށެވެ. އަދި ދަ ގްރާންޑޭ ކޮޅަށް އެހާ ގިނަ ގޯލު ވަން ސަބަބެއްކަމަށް ނާދުބުނީ އޭނާގެ ޓީމުގެ ކުޅުންތެރިން އާވުން ކަމަށެވެ.

މެޗުގައި ދަ ގްރާންޑޭ ކުޅުންތެރިން ކުރީ އެޓީމާއެކު ފުރަތަމަ ޑިވިޝަންގައި ކުރި ފުރަތަމަ ތަޖުރިބާއެވެ. މެޗުގައި އެޓީމުގައި ތަޖުރިބާ މަދުކަން ފާހަގަކުރެވުނެވެ. ދަގްރާންޑޭ މިފަހަރު ތައްޔާރުވަނީ ކ.މާފުށިންނެވެ. މާފުށީގައި ތަމްރީން ހެދުމަށްފަހު މެޗަށް އަންނަ ގޮތަށް ޓީމުގެ ކަންކަން ވަނީ ރާވާފައެވެ.

މި މެޗުން ހޯދި މޮޅާއެކު ގްރީންއިން ވަނީ ތިން ޕޮއިންޓު ހޯދައިފައެވެ.