ކުޅިވަރު

ޕްރީ ސީޒަން ނުހަދާ މެޗުކުޅެން ޖެހުމުން ގެއްލުން ބޮޑުވާނެ: ސާންތީ


ޕްރީ ސީޒަން ރަނގަޅަށް ނުހަދައި ޕްރެޒިޑެންޓްސް ކަޕް ކަހަލަ މުބާރާތަކަށް ނުކުމެ، ކޮންމެ ހަތަރު ދުވަހަކުން މެޗެއް ކުޅުމުން ގޯސް ކަންތައްތަކެއް ކުރިމަތިވުމުގެ ބިރު އެބައޮތް ކަމަށް ޔުނައިޓެޑު ވިކްޓަރީގެ ކޯޗު އިހްސާން ޢަބްދުލްޣަނީ (ސާންތީ) ބުނެފިއެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކްލަބް ވެލެންސިއާއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާންތީ ބުނީ ފުޓްބޯޅައިގައި މިހާރު ތިބި ކޯޗުންނަށް އޮތް ޗެލެންޖަކީ މި ކުޅުންތެރިން ކުޅުމުގެ ތެރޭގައި ބޭތިއްބުން ކަމަށެވެ. ސާންތީ ބުނީ މިހާރު ހާލަތު އޮތް ގޮތުން ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން އުޅޭއިރު ހުރި ގޮންޖެހުންތައް އިތުރުވާ ކަމަށެވެ. އެއީ ކޯޗުކޮށްދިނުމުގެ އިތުރުން އެ ކުޅުންތެރިން ބެލެހެއްޓުމުގެ ޒިންމާ ވެސް ނަގަންޖެހޭ ކަމަށެވެ.

" ސީޒަން ފަށްޓަން ވެގެން އަޅުގަނޑުމެން މިދިޔަ އަހަރު އެގާރައިގައި ކުޅުނު ކުޅުންތެރިން ވެސް އެންމެ ފަހު ވަގުތު ނާދެވޭނެވާހަކަ މި ބުނަނީ. މީގެ ސަބަބުތަކެއް ވެސް އެބަހުރި. ހަ މަސް ހަތް މަސް ބޯޅަ ނުކުޅެ އާމްދަނީ އެއް ނުލިބި މިހެން ތިބެފައި މި ކަހަލަ ދަތިތަކެއް އެ ހުންނަނީ،" ސާންތީ ބުންޏެވެ.

ގިނަ ކުޅުންތެރިންތަކެއް ހަތް ވަރަކަށް މަސް ދުވަސް ވަންދެން މެޗު ނުކުޅެ ތިބެފައި، ޕްރީ ސީޒަނެއް ނެތި ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ނުކުންނައިރު، އޮތް ބިރަކީ ގިނަ ކުޅުންތެރިންތަކެއް ހަލާކުވުން ކަމަށާއި އޭގެ އަސަރު ގައުމީ ޓީމަށް ވެސް ކުރާނެ ކަމަށް ސާންތީ ބުންޏެވެ. ސާންތީ ބުނީ ފުރަތަމަ މެޗަކީ ކޮންމެ ޓީމަކަށް ވެސް އުނދަގޫވާނެ މެޗެއް ކަމަށާއި ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާ އަށް ދިމާވި އުނދަގޫ މިރޭ ޔުނައިޓެޑް ވިކްޓްރީ އަށް ވެސް ކުރިމަތިވެދާނެ ކަމަށެވެ.

ސާންތީ ބުނީ ޕްރީ ސީޒަން ކިރިޔާ ވެސް ބޭނުންވާ ލެވަަލަށް ގެންދެވޭވަރުވީ ޒުވާން ކުޅުންތެރިން ދިން އެއްބާރުލުމުގެ ސަބަބުން ކަމަށެވެ. މިއަދު ފަށާ ޕްރެޒިޑެންޓްސް ކަޕަށް ޔުނައިޓެޑް ވިކްޓަރީ އަށް ތައްޔާރު ނުވެވުނުއިރު، ޕްރެކްޓިސް ފެށީ މިދިޔަ މަހު 15 ވަނަ ދުވަހުއެވެ. ގޮންޖެހުމަކަށް ދިމާވީ ހުރިހާ ކުޅުންތެރިން އެއްކޮށް ހަމަވެގެން ޕްރެކްޓިސްތައް ނުގެންދެވުމެވެ.

" ހަގީގަތުގައި މި ފަހަރު ލީގުގައި އެހެން ޓީމުތަކުން ވެސް ފެންނާނީ ޒުވާން ކުޅުންތެރިން. އެއީ ކޮންމެ ގޮތެއް ވިޔަސް ކްލަބްތަކުގެ ބަޖެޓާއި މާލީ ހާލަތު ދަށްވާވަރަކަށް ޒުވާން ކުޅުންތެރިންނަށް ދާންޖެހޭލެއް ވެސް ބޮޑުވޭ،" ސާންތީ ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ޔުނައިޓެޑް ވިކްޓްރީ ފުރަތަމަ ކުޅޭ މެޗުގައި މިރޭ ބައްދަލުކުރާނީ ކްލަބް ވެލެންސިއާއާއެވެ. ވެލެންސިއާ ވަނީ ޗެރިޓީ ޝީލްޑް މެޗުގައި ހޮނިހިރު ދުވަހުގެރޭ 5-0 އިން މާޒިޔާ އަތުން ބަލިވެފައެވެ.