ކުނި ނައްތައިލުމާއި، ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން ރާއްޖޭގައި ފަށާ އެންމެ ބޮޑު މަޝްރޫޢުކަމުގައިވާ "ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓް" އިފްތިތާޙުކޮށްފިއެވެ. 
މާލެއަތޮޅާއި، އަރިއަތޮޅާއި ވާވު އަތޮޅުގެ ހުރިހާ ރަށްރަށާއި، ރިޒޯޓުތަކުގައި އުފެދޭ ކުނި، ރައްކާތެރި ގޮތުގައި ނައްތައިލުމަށް ފަށާ މިމަޝްރޫޢު އިފްތިތާޙިުކުރީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 
ދިވެހި ސަރުކާރާއި، ބޭރުގެ އެހީ ދޭ 6 ފަރާތެއްގެ މާލީ އެހީތެރިކަމާއެކު ހިންގާ 304 މިލިޔަން ރުފިޔާގެ މަޝްރޫޢަކީ ތިލަފުށީގައި ޤާއިމުކުރާ ޒަމާނީ ވަސީލަތްތަކުން ކުނި ނައްތައިލާއިރު، ކުނީގެ މާނައިގައި ހިމެނިގެން، އެއްލައިލަންޖެހޭ މާބޮޑު އެއްޗެއް ނޯންނަގޮތަށް ކުނި ނައްތާކެވިގެންދާނެއެވެ. 
މިމަޝްރޫއު އިފްތިތާޙްުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަޝްރޫޢުގެ އެންމެ މުހިންމު ބޭނުމަކީ، މިއީ ކުނި ނައްތައިލާ މަޝްރޫޢަކަށް ވުންކަމަށާއި، މި މަޝްރޫޢުން ޙަޤީޤަތުގައިވެސް ކުނި ނައްތައިލަނީކަމަށެވެ. 
"ކިތަންމެ ގަދަ ހޫނެއްގައި ކުނި އެންދިޔަސް، އެ މެޝިނުން ދުމެއް، ވިހައެއް އަދި ވަހެއްވެސް ބޭރެއްނުވާނެ. މި މަޝްރޫޢުގެ ނަމުން ދޭހަކޮށްދޭ ގޮތަށް، މި މަޝްރޫޢުގެ ދަށުން ކުނިތައް ނެތިގެންދާއިރު، އޭގެ ބަދަލުގައި މި އުފެދެނީ ހަކަތަ. އާދެ، ކުނި އަންދައިގެން ކަރަންޓް އުފެއްދުމަކީ، އިޢާދަކުރަނިވި ހަކަތަ އިތުރުކުރުމަށް، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް" ރައީސް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ، 
ކުނި އުފެދޭ މިންވަރު އިތުރުވިނަމަވެސް, ރޭވިގެން ކުނި މެނޭޖްކުރުމުގެ އިންތިޒާމް އަދި ދިވެހިރާއްޖޭގައި ނެތްކަމަށާއި، އޭޑީބީގެ ހިލޭ އެހީއާއި ކޮންސެޝަނަލް ލޯން އަދޮ އޭއައިއައިބީގެ ކޮންސެޝަނަލް ލޯން އެހީގެ އިތުރުން ޖަޕާން ފަންޑް ފޯ ޕަވަރޓީ ރިޑަކްޝަންގެ ހިލޭ އެހީގެ އިތުރުން ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓަކީ ރާއްޖޭގެ ތިމާވެށީގެ ތާރީޚުގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު ކޮންޓްރެކްޓްކަމަށެވެ. 
"ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި ކ,އއ, އދ އަދި ވ އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި ކޮށި ގާއިމުކޮށް މަރާމާތު ކުރެވޭނެ. ކުނި މެނޭޖް ކުރުމަށް އުޅަނދާއި އިކުއިޕްމަންޓް ފޯރުކޮށްދެވޭނެ. މާލެއާއި, ވިލިމާލެ, އަދި ހުޅުމަލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޤާއިމުކުރެވޭނެ. މި މަސައްކަތުގެ ކޮންޓްރެކްޓްގައިވެސް މިހާރުވަނީ ސޮއިކޮށްފައި. އަދި މި ސަރަޙައްދުގައި ކުނި ތިލަފުއްޓަށް ގެންދިއުމަށް އުޅަނދުތައް ގަތުމުގެ މަސައްކަތް ކުރިއަށް އެބަ ދޭ" މިނިސްޓަރ ޝާއުނާ ވިދާޅުވިއެވެ. 
ދެވަނަ ފިޔަވަހީގެ މަސައްކަތަކީ ވޭސްޓު އެނާޖީ ޕްލާންޓް ޤާއިމުކުރުންކަމަށާއި، ވޭސްޓު އެނާޖީ ޕްލާންޓު ޤާއިމުކުރުމަށް މިހާރު ސްޕޭންގެ މަޝްހޫރު ކުންފުންނެއް ކަމުގައިވާ އުރްބާސާއާ އެކު ޑިޒައިން, ބިލްޑް އެންޑް އޮޕަރޭޓު ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާއިރު، މިކަން ކުރިއަށްދިޔައީ ވާދަވެރި ބީލަން އުސޫލުން އޭޑީބީގެ ބެލުމުގެ ދަށުންކަން މިނިސްޓަރ ޝާއުނާ ފާހަގަކުރެއްވިއެވެ. 
ވޭސްޓު އެނާޖީ ޕްލާންޓް ހިންގުމަށް އުރްބާސާއާއެކު ސޮއިކޮށްފައިވަނީ 15 އަހަރު ދުވަހުގެ މުއްދަތަށް. މި މުހިއްމު މަޝްރޫޢުއަކީ ތިލަފުށީގެ މަލަމަތި މުޅިން ބަދަލުކޮށް، ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ކުނި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތުގެ ބިންގާކަން މިނިސްޓަރ ޝާއުނާވަނީ ފާހަގަކުރައްވާފައެވެ. 
ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސަސް ކޮށް، 8 މެގަވޮޓާއި، 8.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެކަމަށާއި، މި ފެސިލިޓީ އޮޕަރޭޓްކުރުމުގައި ހިންގުމަށްދާ ޚަރަދު ހޯދުމަށް ހަމަޖެހިފައިވަނީ މިފެސިލިޓީން އުފައްދާ ކަރަންޓާއި އަދި ކުނި އަންދައިގެން ލިބޭ އަޅި ބޮޓޮމް އޭޝް(އަޅި) ރިސައިކަލްކޮށް ވިއްކައިގެންނާއި އެހެނިހެން ގޮތްގޮތުން ލިބޭފައިސާއިންކަމަށް އެންވަޔަރަނަމަންޓް މިނިސްޓްރީން ވިދާޅުވިއެވެ. 
އަދި އަމާޒަކީ ކުންޏަކީ އާމްދަނީ ލިބޭ ވަޞީލަތަކަށް ހެދުންކަމަށާއި، އެ މިސްރާބަށް ވާސިލުވުމަށް މިފަށައިަގނެވުނު މަސައްކަތް 2023ވަނަ އަހަރު ނިމިގެންދާއިރު ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް %60 ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއްވިއެވެ.  މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ގާއިމްކުރާ ނިޒާމަކީ ވަށައިޖެހޭ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކުނިމެނޭޖް ކުރެވޭނެ ނިޒާމެއްކަމަށާއި، މިކަމުން ދިވެހިރާއްޖޭގެ ކަނޑުފަޅުގެ ރައްކާތެރިކަން ކަށަވަރު ކުރެވި،  ދެމެހެއްޓެނިވި އުސޫލުން ރޭވިގެން ކުނި މެނޭޖް ކުރެވޭނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ވިދާޅުވިއެވެ.