ކުޅިވަރު

ކެމަރޫންގެ ފުޓްބޯޅައިގެ ރައީސަކަށް އެޓޫ


ކެމަރޫންގެ މަޝްހޫރު ފުޓްބޯޅަ ތަރި ސެމިއުލް އެޓޫ، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވެއްޖެއެވެ.

އެޓޫ ވަނީ އިންތިޚާބުގައި ވާދަކުރި އެފްރިކާ ފުޓްބޯޅަ ފެޑެރޭޝަންގެ ހަތަރު ވަނަ ނައިބު ރައީސް ސެއިޑޫ އެމްބޮމްބޯ އެންޖޯޔާ ބަލިކޮށްފައެވެ. އެޓޫ އަށް 43 ވޯޓު ލިބުނުއިރު، އެންޖޯޔާ އަށް ލިބުނީ 31 ވޯޓެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބުތައް ސައްހަ ނޫން ކަމަށް މިދިޔަ ޖެނުއަރީ މަހު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ނިންމިއެވެ.

އެ އިންތިޚާބު ކާމިޔާބު ކުރީ އެޓޫ އަތުން ނާކާމިޔާބީއާ ކުރިމަތިލި އެންޖޯޔާއެވެ. ކެމަރޫން އެފްއޭގެ އިންތިޚާބު ގެންދިޔައީ ފީފާގެ ޚާއްސަ ޓީމެއްގެ ބެލުމުގެ ދަށުންނެވެ. އިންތިޚާބުގައި ހަތް ކެންޑިޑޭޓުން ވާދަކުރަން ނިންމި ނަމަވެސް އިންތިޚާބު ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ފަސް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައެވެ. އެޓޫ ވަނީ ކެމަރޫނަށް 2000 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އާއި އޮލިމްޕިކް ފުޓްބޯޅަ އިވެންޓްގެ ރަން މެޑަލް ހޯދައިދިނުމުގެ އިތުރުން 2002 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްދޭން އެހީތެރިވެދީފައެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާ، ޗެލްސީ އަދި އިންޓަ މިލާނަށް ވެސް ކުޅުނު އެޓޫ ވަނީ ކެމަރޫން ގައުމީ ޓީމަށް 118 މެޗުން 56 ގޯލު ޖަހައިފައެވެ. ހަތަރު ފަހަރަށް އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެޓޫ ވަނީ ހޯދާފައެވެ.