ކުޅިވަރު

ވެނީޒިޔާއިން ޔުވެންޓަސް ހުއްޓުވައިފި


އިޓާލިއަން ސެރިއާގައި ވެނީޒިޔާއިން ޔުވެންޓަސް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ. ރަށުން ބޭރުގައި ކުޅެ ޔުވެންޓަސް އެއްވަރުވީ 1-1 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނިޓުގައި ޔުވެންޓަސްގެ އަލްވާރޯ މޮރާޓާގެ ލަނޑުން އެޓީމުން ލީޑު ނެގިނަމަވެސް މެޗުގެ ދެވަނަހާފުގައި ވެނީޒިޔާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަޓީއާ އަރަމޫއެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސް އިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ.

އެގޮތުން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައީ ޖުއާން ކުޑްރާޑޯއަށެވެ. ރޭގައި ލަނޑު ޖެހި މޮރާޓާ އެންމެފަހުން އިޓަލީ ލީގުގައި ޖެހި 30 ލަނޑުގެ ތެރެއިން 20 ލަނޑު ކާމިޔާބުކުރީ ރަށުން ބޭރުގައި ކުޅުނު މެޗުތަކުންނެވެ. އެންމެފަހުން ލީގުގައި ކުޅުނު 7 މެޗުގެ ތެރެއިން މޮރާޓާ ވަނީ 6 ލަނޑު ކާމިޔާބުކޮށްފައެވެ. މި ނަތީޖާއާއެކު ޔުވެންޓަސް ހަވަނައިގައި އޮތީ ހަތަރު ވަނައިގައިވާ އެޓްލާންޓާއަށް ވުރެ 6 ޕޮއިންޓު ފަހަތުންނެވެ.

ލީގުގައި ކުޅުނު 17 މެޗުން ޔުވެންޓަސް ވަނީ 28 ޕޮއިންޓު ހޯދާފައެވެ. ރޭގެ ހޯދި ޕޮއިންޓާއެކު ވެނީޒިއާ ވަނީ ރެލިގޭޝަން ޒޯނާ 6 ޕޮއިންޓު ފެޔަށް ޖެހިލާފައެވެ.