ކުޅިވަރު

ފަހުވަގުތު އިބްރަހަމޮވިޗް ޖެހި ލަނޑުން މިލާން ސަލާމަތް ވެއްޖެ


އިޓާލިއަން ސެރިއާގައި ފަހުވަގުތު އޭސީ މިލާންގެ ޒަލްޓާން އިބްރަހަވިޗް ޖެހި ލަނޑުން ބަލިނުވެ ސަލާމަތް ވެއްޖެއެވެ. ރަށުން ބޭރުގައި ކުޅެ މިލާން އެއްވަރުވީ އުދަނޭޒީއާ ވާދަކޮށް 1-1 ލަނޑުންނެވެ.

އުދެނޭޒީން މެޗުގެ ލީޑުނެގީ ފުރަތަމަ ހާފުގެ 17ވަނަ މިނިޓުގައި ގޯމޭޒް ބެޓުންކަލް ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގައި މިލާނުން އެއްވަރު ކުރި ލަނޑު ކާމިޔާބު ކުރީ މެޗުގެ އިތުރުވަގުތުގެ ތެރޭގައިއެވެ. މި ހިތްގައިމު ލަނޑު މިލާނަށް ކާމިޔާބުކޮށްދިނީ ސްވިޑަންގެ އިބްރަހަމޮވިޗެވެ. މީގެ 22 އަހަރު ކުރިން ސްވިޑަންގެ މަލްމޯއިން ޕްރޮފެޝަނަލް ކެރިއާ ފެށި އިބްރަހަމޮވިޗް ޔޫރަޕުގައި ފަސް ލީގެއްގައި ލަނޑުޖަހާފައެވެ.

އޭނާ ރޭގި ޖެހި ލަނޑާއެކު ވެފައިވަނީ 21 ވަނަ ގަރުނުގައި ޔޫރަޕުގައި ފަސް ލީގެގައި ކުޅެ 300 ލަނޑު ޖެހި ތިންވަނަ ކުޅުންތެރިޔާއަށެވެ. ޔޫރަޕުގެ 300 ލަނޑު އުމުރުން 40 އަހަރުގެ އިބްރަހަމޮވިޗް ހަމަ ކުރިއިރު މިއަދަދަށް މިހާތަނަށް ލަނޑު ޖަހާފައިވަނީ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އިބްރަހިމޮވިޗް ވަނީ ކެރިއަރުގައި އޭނާ ކުޅުނު ލީގުތަކުގައި 404 ލަނޑު ހަމަކޮށްފައެވެ.

އޭގެތެރޭގައި ސްވިޑަންގެ މަލްމޯއަށް ޖަހައިދިން 16 ލަނޑާއި ނެދަލޭންޑްގެ އަޔެކްސްއަށް ކީމާޔާބުކޮށްދިން 35 ލަނޑުގެ އިތުރުން އެމެރިކާގެ ލޮސްއެންޖެލިސް ގެލެކްސީއަށް ކާމިޔާބުކޮށްދިން 53 ލަނޑު ހިމެނެއެވެ. އޭނާ ވަނީ މިހާތަނަށް އިޓާލިއަން ސެރިއާ، ސްޕެނިޝް ލަލީގާ، އިނގިރޭސި ޕްރިމިއަރ ލީގު، ޖަރުމަނު ބުންޑަސްލީގާގެ އިތުރުން ފްރެންޗް ލީގް ވަން އެކުގައި 300 ލަނޑު ހަމަކޮށްފައެވެ.

ރޭގެ މެޗުގައި އިތުރު ވަގުތުގެ ތެރޭގައި އުދެނޭޒީގެ އިސާކް ސަކްސަސް ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މި ނަތީޖާއެކު މިލާން އެއްވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކާއެކުއެވެ. ލީގުގައި މިއަދު ކުޅޭ މެޗުތަކުން އިންޓަ މިލާން އާއި ނަޕޯލީ މޮޅުވެއްޖެ މިލާނަށް ކުރިޔަށް އެރުމުގެ ފުރުސަތު އޮންނާނެއެވެ.