ކުޅިވަރު

ޗެމްޕިއަންސް ލިގުގެ ދެވަނަ ބުރުން ވިޔަރެއާލް ޖާގަހޯދައިފި


ޔުއޭފާ ޗެމްޕިއަންސް ލިގުގެ ދެވަނަ ބުރުން ވިޔަރެއާލް ޖާގަހޯދައިފިއެވެ. އެޓީމް ދެވަނަ ބުރުން ޖާގަ ކަށަވަރުވީ އެޓަލާންޓާ އާއި ރޭ ބައްދަލުކުރިމެޗް 3 ލަނޑު 2 ލަނޑުން ކާމިޔާބުކޮށް ގްރޫޕް އެފްގެ ދެވަނަ އަށް ދިއުމުންނެވެ.

މިމެޗް ރޭ ކުޅެން ޖެހުނީ އޭގެ ކުރީރޭ ބޯކޮށް ސްނޯ ފޭބމުގެ ސަބަބުން މެޗް ފަސް ކުރަން ޖެހުމުންނެވެ. ދެޓީމުންކުރެ ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ދެވަނަ ބުރަށް ގްރޫޕް އެފްގެ ދެވަނަ ޓީމްގެ ގޮތުގައި ދާނެކަން ޔަގީންވާން އޮތް މެޗެކެވެ. މެޗުގައި ގިނައިރު ބޯޅަ ގެންގުޅޭ ގިނަ ހަމަލާ އުފައްދާފައިވަނީ އެޓަލާންޓައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 3 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ވިޔެރެއާލް އިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އާނައުޓް ޑެންޖޫމާއެވެ. އަދި ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އެޓިއޭން ކަޕޫ ޖަހައިދިން ލަނޑުން އެޓީމުގެ ލީޑު ފުޅާކުރިއެވެ. އަދި މިމެޗްގައި ވިޔަރެއާލްއިން ވަނީ މެޗްގެ 51 ވަނަ މިނެޓްގައި ޑެންޖޫމާ ޖަހައިދިން ލަނޑާއެކު ތިންވަނަ ލަނޑެއްވެސް ކާމިޔާބުކޮށްފައެވެ.

މިމެޗްގައި އެޓަލާންޓާއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ޖަހައިދިނީ ރުސްލާން މަލިނޯވްސްކީއެވެ. އަދި އޭގެ 9 މިނެޓްފަހުން ހުވާން ޒަޕާޓާވަނީ އެޓަލާންޓާއަށް ހިތްވަރު އާކޮށްދީފައެވެ. ނަމަވެސް އެޓީމަށް މިމެޗްގައ އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިކާމިޔާބީއާއެކު ވިޔަރެއަލް ދެވަނަ ބުރަށް ދަތުރުކުރީ ކުޅުނު 6 މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ.

އެޓަލާންޓާއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. މިގްރޫޕުން އެއްވަނައަށް ދިޔައީ މެންޗެސްޓަރ ޔުނައިޓެޑެވެ.