ކުޅިވަރު

ބަޔާންގެ ކިމިޗްގެ ފުއްޕާމޭ ހަލާކުވެ މިއަހަރަކު ނުކުޅެވޭނެ


ކޮވިޑް-19 ޖެހުމާ ގުޅިގެން ބަޔާން މިއުނިކްގެ ޖަރުމަނު މިޑްފީލްޑަރު ޖޯޝުއާ ކިމިޗްގެ ފުއްޕާމޭ އަށް ގެއްލުންވެ އޭނާ އަށް މި އަހަރު ކުޅުމަށް އެނބުރި ނާދެވޭނެކަން ކަށަވަރުވެއްޖެއެވެ.

ކިމިޗަކީ މީގެ ކުރިން ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހެދި ކުޅުންތެރިއެކެވެ. މިދިޔަ މަހު އޭނާ ކޮވިޑަށް ޕޮޒިޓިވްވުމުން އެޑްމިޓްކޮށްގެން ވެސް ފަރުވާދީފައެވެ. ކޮވިޑް ބަލީގައި ކިމިޗް ކަރަންޓީނަަށް ލާފައި ހުރި މުއްދަތުވަނީ ބުދަ ދުވަހުގެ ނިޔަލަށް ހަމަވެފައެވެ. ކިމިޗް ބުނީ ކުރިން ކޮވިޑް ވެކްސިން ޖެހުމާ އޭނާގެ ވިސްނުން ކުޑަކޮށް ތަފާތު ކަމަށެވެ. އެކަމަކު، ކުރިއަށް އޮތްތަނުގައި އެކަން ބަދަލުވެ، އޭނާ ވެކްސިން ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ކިމިޗް ބުނެފައިވެއެވެ. ކިމިޗް ނުލައި ބަޔާނުން ދެން ކުޅޭނެ ތިން މެޗަކީ މައިންޒް، ސްޓުޓްގާޓް އަދި ވުލްފްސްބާގް މެޗެވެ.

ބަޔާން ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ކިމިޗަށް ކޮވިޑް ޖެހުނީ މިދިޔަ މަހު ކޯވިޑަށް ޕޮޒިޓިވްވެފައި ހުރި މީހަކާ ޑައިރެކްޓް ކޮންޓެކް ވެގެންނެވެ. ކިމިޗް ބުނީ ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓްތަކުން ފާހަގަވި ކަމަކީ ކޮވިޑް ޖެހިގެން އޭނާގެ ފުއްޕާމެއަށް ލިބުނު ގެއްލުން އެއްކޮށް ރިކަވާނުވާ ކަމެވެ. ކަރަންޓީނު މުއްދަތު ހަމަވުމަށް ފަހު އެނބުރި ޓީމު ކޭމްޕާ ގުޅެން ހުއްދަ ލިބުނު ނަމަވެސް ކިމިޗަށް އަދި ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވެން ނެތެވެ.