ކުޅިވަރު

ފަހު މެޗުގައި ވެސްޓްހޭމް ބަލިވެއްޖެ


ޔޫރޮޕާ ލީގުގެ ގުރޫޕުގެ ފަހު މެޗުގައި އިނގިރޭސި ކުލަބް ވެސްޓްހަމް ޔުނައިޓެޑު ބަލިވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކުޅެ ވެސްޓްހަމް ބަލިވީ ކޮރޭޝިޔާގެ ޑައިނަމޯ ޒެގްރެބްއާ ވާދަކޮށް 1-0 ލަނޑުންނެވެ.

މެޗަށް ނުކުތްއިރު ވެސްޓްހަމް ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ޔަގީންކޮށްފައެވެ. މެޗަށް ނުކުތުމުގެ ކުރިން މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް ޑައިނަމޯއަށް ބޭނުންވެފަ އޮތީ އެންމެ ޕޮއިންޓެކެވެ. މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ލަނޑު ޑައިނަމޯއިން ކާމިޔާބުކުރީ މެޗުގެ ވަރަށް ކުރީ ކޮޅުގައެވެ. މެޗު ފަށައިގެން ތިންވަނަ މިނިޓުގައި މި ލަނޑު ޑައިނަމޯއަށް ކާމިޔާބުކޮށްދިނީ މިސްލޭވް އޮރިސިޗްއެވެ.

ރޭގެ މެޗުގައި ވެސްޓްހަމްގެ ޑޭވިޑް މޮއީސް ވަނީ ޒުވާން ގިނަ ކުޅުންތެރިން ތަކަކަށް ވެސްޓްހަމްގެ ފުރަތަމަ ޓީމުން ޖާގަދީފައެވެ. އެގޮތުން ރޭގެ މެޗުގައި ވެސްޓްހަމުން ވަނީ އުމުރުން 20 އަހަރުގެ 5 ކުޅުންތެރިޔަކަށް އެޓީމުގެ ފުރަތަމަ 11އިން ޖާގަދީފައެވެ. ރޭގައި ޑިނަމޯއިން ކާމިޔާބުކުރި ލަނޑުގައި ވެސް ވެސްޓްހަމްގެ ޑިފެންޑަރުންގެ ތަޖުރިބާ މަދުކަން ވަނީ ފާހަގަކުރެވިފައެވެ. ރޭގެ މެޗުގައި ވެސްޓްހަމް އިން ވަނީ އުމުރުން 17 އަހަރުގެ ސޮނީ ޕާކިންސްއަށް އެޓީމުގެ ފުރަތަމަ 11އިން ފުރުސަތުދީފައެވެ. މި ނަތީޖާއެކު ވިދިވިދިގެން ހަތަރު އަހަރު ކޮރޭޝިޔާ ލީގު ކާމިޔާބުކޮށްފައިވާ ޑައިނަމޯ ޒެގްރެބް ވަނީ ގުރޫޕުގެ ދެވަނައިގަ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ޔަގީންކޮށްފައެވެ.

ރޭގައި މި ގުރޫޕްގައި ސްޕާޓާ ޕްރާގް ވަނީ 2-0 ބްރިންބީގެ މައްޗަށް ކުރި ހޯދާފައެވެ. ރޭގެ މެޗުން ބަލިވި ނަމަވެސް ވެސްޓްހޭމް އިން ވަނީ ގުރޫޕުގެ އެއްވަނައިގެ ގޮތުގައި މުބާރާތުގެ ދެވަނަބުރަށް ދަތުރުކޮއްފައެވެ. މެޗަށްފަހު ވާހަދައްކަމުން ވެސްޓްހޭމްގެ ކޯޗު ޑޭވިޑް މޮއީސް ބުނީ ބަލިވި ނަމަވެސް މުބާރާތުގެ ދެވަނަ ބުރު ޔަގީން ވެފަ އޮތުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. އެހެން ނަމަވެސް މެޗުން ބަލިވުމަކީ މާޔުސްކަން ލިބުނު ކަމަކަށް ވުރެ ބޮޑަށް ޒުވާން ކުޅުންތެރިންގެ ދެއްކި ހިތްވަރު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

ޔޫރޮޕާ ލީގުގެ މި ސީޒަންގައި ދެވަނަ ބުރުގައި ޔޫރަޕުގައި ގަދަ ބާރުތަކެއް ވާދަކުރާނެއެވެ. ޗެމްޕިއަންސް ލީގުން ދެވަނަ ބުރުން ފުރަސަތު ގެއްލުނު ސްޕެއިންގެ ބާސެލޯނާ އާއި ސެވިއްޔާގެ އިތުރުން ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑާއި ޕޯޗުގަލްގެ ޕޯތޯ އާއި އިޓަލީގެ އެޓްލާންޓާވެސް މިފަހަރުގެ ޔޫރަޕާ ލީގުގެ ދެވަނަ ބުރުގައި ވާދަކުރާނެއެވެ. މިއީ ޔޫރަޕުގެ ދެވަނަ ފަންތީގެ މުބާރާތެއްގައި ވެސްޓްހަމް އިން ވާދަކުރާ ފުރަތަމަ ފަހަރުއެވެ.