ކުޅިވަރު

އަރަބް ކަޕް 2021: ޓިއުނީޝިޔާ، ޔޫއޭއީ ގަދައަށަކަށް


މިހާރު ޤަތަރުގައި ކުރިޔަށްދާ އަރަބި ކަޕުގެ ގަދަ އަށަކުން ޓިއުނީޝިޔާއާއި ޔޫއޭއީ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ކުއާޓާފައިނަލުން ޓިއުނީޝިޔާ ޖާގަހޯދީ ގުރޫޕުގެ ފަހު މެޗުގައި ޔޫއޭއީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޓީއުނީޝިޔާއިން މެޗު ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޓިއުނީޝިޔާއަށް ކާމިޔާބުކޮށްދިނީ 10ވަނަ މިނޓުގައި ސައިފުއްދީން ޖަޒީރީއެވެ. ރޭގެ މެޗުން ޔޫއޭއީ ބަލިވި ނަމަވެސް އެޓީމުން ގަދަ އަށެއްގެ ޖާގަ ޔާގީންވީ ގުރޫޕުގައި މޮރިޓޭނިޔާގެ އަތުން ސޫރިޔާ ބަލިވުމުންނެވެ.

މޮރިޓޭނިޔާއިން މެޗު ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. މޮރިޓޭނިޔާގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސަޢީދެވެ. މޮރިޓޭނިޔާއިން ލަނޑު ޖެހިތާ ދެ މިނިޓުފަހުން ސޫރީޔާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ސޫރިޔާ ޓީމަށް ކާމިޔާބުކޮށްދިނީ މަހުމޫދް އަލް ބަހެރެވެ. ސޫރިޔާގެ އުންމީދު ފެނައަށް ދިޔައީ މެޗުގެ އިތުރު ވަގުތުގައި މޮރިޓޭނިޔާގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހެމެޔާ ޓަނީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ޓީއުނީޝިޔާއިން ވަނީ ގުރޫޕުގައި ކުޅުނު ތިންމެޗުން 6 ޕޮއިންޓު ހޯދާފައެވެ. ގުރޫޕުގެ ދެވަނައަށް ދިޔަ ޔޫއޭއީން ވަނީ ހަމަ އެ ޢަދަދަށް ޕޮއިންޓު ހޯދާފައެވެ. ސޫރިޔާއާއި މޮރިޓޭނިޔާ މުބާރާތް ނިންމާލީ 3 ޕޮއިންޓާއެކުއެވެ. މުބާރާތުގެ ގަދަ އަށެއްގައި އޮމާން ވާދަކުރާނީ ޓިއުނީޝިޔާއާ، ގަތަރު ނުކުންނާނީ ޔޫއޭއީ ދެކޮޅަށެވެ.