ދުނިޔޭގެ ވިޔަފާރި

މުދަލަށް އޮތް ޑިމާންޑު ބޮޑުވެ، ދެކުނު ކޮރެޔާގެ އެކްސްޕޯޓަށް ކުރިއެރުން


ދެކުނު ކޮރެއާއިން މުދާ ބޭރުކުރާ މިންވަރު ޖެހިޖެހިގެން 8 ވަނަ މަހު އިތުރުވެފައިވާކަމަށް އެ ޤައުމުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ދެކުނު ކޮރެއާ އަކީ އެޤައުމަށް އެތެރެ ކުރެވޭ މުދަލާއި ބޭރު ކުރެވޭ މުދަލުގެ ތަފާސް ހިސާބު މިސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ އަވަހަށް އާންމު ކުރާ އެއްޤައުމެވެ. އެ ޤައުމުން ބޭރު ކުރެވޭ މުދަލުވެ މިންވަރު ޖެހިޖެހިގެން 8 ވަނަ މަހަށް އިތުރުވެފައިވާއިރު، އެޤައުމުގެ މުދަލަށް ކޯވިޑަށް ފަހު ޑިމާންޑް ބޮޑުތަނުން މިވަނީ އިތުރުވެފައެވެ.

ދެކުނު ކޮރެއާއަކީ އޭޝިއާ ސަރަހައްދުގެ 4 ވަނައަށް އެންމެ ބޮޑު އިޤްތިޞާދެވެ. މިދިޔަ އޮކްޓޯބަރުމަހު އެޤައުމުން އެކްސްޕޯޓު ކުރާ މިންވަރު ވަނީ 24 އިންސައްތަ ކުރިއަށް ޖެހިލާފައެވެ. އޭގެ ކުރިން ސެޕްޓެމްބަރުމަހު މި އަދަދު ހުރީ 16.7 އިންސައްތައިގައެވެ. އެޤައުމުން މައިގަނޑު ގޮތެއްގައި ބޭރު ކުރަނީ އިލެކްޓްރޯނިކް ޗިޕް އަދި ޕެޓްރޯ ކެމިކަލް ޕްރޮޑަކްޓުތަކެވެ. އެޤައުމުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހަމައެކަނި ސެޕްޓެމްބަރު މަހުވެސް 55.8 ބިލިއަން ޑޮލަރުގެ މުދާ ބޭރު ކުރެވިފައިވެއެވެ.

ދެކުނު ކޮރެއާއިން އެންމެ ގިނައިން މުދާ ބޭރު ކުރަނީ އެމެރިކާ، ޔޫރަޕް އަދި ޗައިނާއަށެވެ. މިއަހަރުގެ ފުރަތަމަ 3 ކުއާޓާގައި މުދާ ބޭރުކުރާ މިންވަރު އިތުރުވިނަމަވެސް މިއަހަރުގެ ފަހު ކުއާޓާގައި ނިސްބަތުން މުދާ ބޭރު ކުރެވޭ މިންވަރު އެއް ހަމައެއްގައި ހިފެހެއްޓި، ކުރިއަރައި މިންވަރު މަޑުޖެހިގެންދާނެކަމަށް ކޮރެއާގެ އިޤްތިޞާދު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވެއެވެ.

އޭގެ އެއް ސަބަބަކީ މިހާރު ލޮކްޑައުންތަކަށްފަހު ޤައުމުތަކުގެ އިޤްތިޞާދު ހަމަޖެހިލުމުން، ޤައުމުތަކަށް އެތެރޭ ކުރާ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައި އޮންނާނެކަމަށް ބެލެވިފައި އޮތުމެވެ.

ދެކުނުގެ ކޮރެއާއިން މުދާ ބޭރުކުރާ މިންވަރާއި އެއްވަރަށް އެތެރެކުރާ މިންވަރުވެސް ވޭތުވެ ދިޔަ ދުވަސްތަކުގައި ވަނީ އިތުރުވެފައެވެ. އެގޮތުން މުޅި އަހަރަށް ބަލާއިރު އެޤައުމަށް މުދާ އެތެރެކުރާ މިންވަރު ވަނީ 37.8 އިންސައްތަ އިތުރުވެގެން ގޮސްފައެވެ.