ދުނިޔޭގެ ވިޔަފާރި

އުދުހޭ ސައިކަލު، އަންނަ އަހަރު ބާޒާރަށް ނެރެނީ


ޖަޕާނުގެ ކުންފުންޏަކުން އުފައްދާ އުދުހޭ ސައިކަލު އަންނަ އަހަރު ބާޒާރަށް ނެރެން ތައްޔާރުވަމުން ދާކަމަށް އެސައިކަލު އުފައްދާ ކުންފުނިން ހާމަކޮށްފިއެވެ.

ޖަޕާނުގެ އޭ.އެލް.އައި ޓެކްނޮލޮޖީސްއިން އުފައްދާ "ހޫވާ ބައިކް" ބާޒާރަށް ނެރެން ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައިކަމަށް އެކުންފުނިން ބުނެއެވެ. މިސައިކަލު ގަޑިއަކު 100 ކިލޯމީޓަރު ބާރުމިނުގައި އުދުހޭއިރު، މިސްޕީޑުގައި 40 މިނެޓު ވަންދެން ސައިކަލަށް ހިފަހައްޓާލެވޭނެކަމަށް އެކުންފުނިން ބުނެއެވެ. މިއީ 300 ކިލޯގެ ސައިކަލެކެވެ. ސައިކަލަށް އެރޭނީ ފަހަރަކު އެކަކަށެވެ.

މި ސައިކަލު ޢާންމުކޮށް ދައްކާލުމަށް މައުންޓު ފުޖީ ތިރީގައި އޮންނަ ރޭސް ޓްރެކެއްގައި ދުއްވާފައިވާއިރު، މި ސައިކަލު ވައިގެ ތެރެއަށް މައްޗަށް އަރަނީ ޑްރޯން އެއް މަސައްކަތް ކުރާ ގޮތަށެވެ. މި ސައިކަލުގައި އިލެކްޓްރިކް ދެ މޯޓަރާއި ތެޔޮ ބޭނުން ކުރާ އިންޖީނެއް ހުރެއެވެ.

މި ސައިކަލު ޕްރީއޯޑަރކޮށް ވިއްކައެވެ. ފުރަތަމަ ބެޗުގައި ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި ވިއްކަން ރާވާފައިވަނީ 200 ސައިކަލުކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. މި ސައިކަލު ވިއްކުމަށް ހަމަޖެހިފައިވަނީ 682،000 ޑޮލަރަށެވެ. މި ސައިކަލުގެ ފުރަތަމަ ޓެސްޓު ބަލަން ދިޔަ ޖަޕާނުގެ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ވިދާޅުވީ މި ސައިކަލު މޫދުގައި ހިންގާ ހާދިސާ ތަކުގައިވެސް މީހުން ސަލާމަތް ކުރުމަށް ބޭނުން ކުރެވިދާނެ ކަމަށެވެ.

ޖަޕާނުގެ އޭ.އެލް.އައި ޓެކްނޮލޮޖީސްއިން މިދާއިރާއަށް އަވަހަށް ނިކުންނަން ނިންމާފައި މިވަނީ އެމެރިކާގެ ޖެޓްޕެކް އެވިއޭޝަން ކިޔާ ކުންފުންޏަކުންވެސް އުދުހޭ ސައިކަލެއްގެ ޕްރޮޓޯޓައިޕް ޢާންމުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި މިސައިކަލުވެސް 2023ގައި ބާޒާރަށް ނެރޭނެ ކަމަށް ބެލެވެއެވެ.

މިފަހަކަށް އައިސް އުދުހޭ އުޅަނދުތަކަށް އިންވެސްޓުކުރާ މިންވަރު މިވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. އެގޮތުން އުދުހޭ ކާރުތަކަށާއި ސައިކަލުތަކަށް ދުނިޔޭގެ މޯޓޯ ކުންފުނިތަކުން މިހާރު އިންވެސްޓު ކުރަމުންދާއިރު ދާއިރާގެ ކުރީގައި އޮންނާނީ އެންމެ ފުރަތަމަ މިއުޅަނދުތަށް ބާޒަރަށް ނެރެ އަތްފޯރާ އަގުގައި ވިއްކޭ ބައެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. މިގޮތުން 2024ވަނަ އަހަރު އެމެރިކާގެ ޖޯބީ އެވިއޭޝަނުން އުދުހޭ ޓެކްސީއެއް ނެރުމަށް ދަނީ ތައްޔާރު ވަމުންނެވެ.