ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ފަހު ވަގުތު ލެވަންޓޭއާ 2-2 އިން އެއްވަރުވެއްޖެއެވެ. 
ލެވަންޓޭ ދަނޑުގައި ފުރަތަމަ ލީޑުނެގީ އެތުލެޓިކޯ އިންނެވެ. އެ ޓީމަށް ލީޑުނަގައިިދިން ގޯލު 12 ވަނަ މިނިޓްގައި ޖެހީ އެންޓޮއިން ގްރީޒްމަން ބޮލުންނެވެ. މިއީ އަލުން އެތުލެޓިކޯ އަށް ބަދަލުވި ފަހުން ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.  ލެވަންޓޭއިން 37 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެތުލެޓިކޯގެ ލުއިސް ސުއަރޭޒް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ ލެވަންޓޭއަށް ކާމިޔާބުކޮށްދިނީ އެނިސް ބާދީއެވެ. 
އެތުލެޓިކޯ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ބްރެޒިލްގެ ފޯވާޑް މަޓެއުސް ކޫންޔާއެވެ.  ލެވަންޓޭއިން ދެ ވަނަ ފަަހަރަށް އެއްވަރުކުރީ ވެސް ޕެނަލްޓީ އަކުން ޖެހި ގޯލަކުންނެވެ. މެޗުގެ 89 ވަނަ މިނެޓްގައި މި ޕެނަލްޓީ ވެސް ކާމިޔާބުކުރީ ބާދީއެވެ. މި ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހުއެވެ. 
ރޭގެ މެޗުގައި ރެފްރީގެ ނިންމުތަކާ ތަކުރާރުކޮށް ދެކޮޅު ހެދުމުގެ ސަބަބުން އެތުލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ އަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތްކާޑުދައްކާފައެވެ. މި ނަތީޖާއާއެކު އެތުލެޓިކޯ ލީގުގެ ހަ ވަނައިގައި އޮތީ 10 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ.