ޚަބަރު

ފްލެމިންގޯ ވިއްކަންޖެހި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ފުލުހަށް


ރާއްޖެއަށް ހިޖުރަ ކުރި ފްލެމިންގޯ ދޫންޏެއް ހިފައި، 30،000 ވިއްކަން ޖެހި މައްސަލައެއް ފެންމަތި، އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މިފްލެމިންގޯ ވިއްކަން ޖެހީ ވައިބަރ ގްރޫޕެއްގައެވެ. މިއީ ރާއްޖޭގެ އުތުރަށް މިދުވަސްވަރު ހިޖުރަ ކުރި ފްލެމިންގޯ ތަކުގެ ތެރެއިން ފްލެމިންގޯއެއް ކަމަށް ބެލެވެއެވެ. މި ފްލެމިންގޯތައް ހިޖުރަ ކުރުމާއި އެކު ސޯޝަލް މީޑިއާގައި މިތަކެތީގެ ފޮޓޯތައް ދައުރުވާން ވަނީ ފަށާފައެވެ. ނަމަވެސް މިގޮތަށް ހިޖުރަ ކުރާ ދޫނިތަކަށް ގޯނާކޮށް ނުވަތަ ހިފާ ހެދުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ.

މިމައްސަލަ ފެންމަތި ވުމާއި އެކު އީޕީއޭއިން ބުނެފައިވަނީ މިމައްސަލަ މިހާރު ފުލުހުންނާއި ގުޅިގެން ތަހުޤީޤު ކުރަން ފަށާފައިވާ ކަމަށެވެ. އަދި މިމައްސަލައިގައި ޝާމިލްވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން ވިދާޅުވެއެވެ. މިފަދަ މައްސަލަތަކުގައި ގަންނަ ފަރާތައް ވެސް ފިޔަވަޅު އަޅާނެ ކަމަށާއި، އެހެން ކަމުން މިފަދަ ކަންކަމަށް ސަމާލުވާން ޖެހޭކަމަށް އީޕީއޭއިން ވިދާޅުވެއެވެ. މިފަދަ ފަރާތްތައް ޤަވާއިދުގެ ތެރެއިން ޖޫރިމައިނާ ކުރެވެއެވެ.

މީގެ ކުރީންވެސް މިފަދަ ޝަކުވާތައް އީޕީއޭއަށް ލިބޭކަން އެފަރާތުން ފާހަގަ ކުރައްވައެވެ. އެގޮތުން މިމަހުގެ ކުރީކޮޅު މިފަދަ ކަންކަމާއި ގުޅޭގޮތުން އީޕީއޭއިން ނެރެފައިވާ ނޫސް ބަޔަނެއްގައި ވަނީ، މި ދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމަށެވެ. ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާތީ، މިކަމަކީ ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަމަށް އީޕީއޭއިން ބުނެއެވެ. އަދި ފުޓްބޯޅަ ދަނޑުތަކުގަޔާއި، ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ ލިބެމުންދާތީ، ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ، އެތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް އިޕީއޭއިން ވަނީ އަންގާފައެވެ.

މީގެ އިތުރަށް ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ތިމާވެއްޓަށް ގެއްލުން ދިނުމާއި، ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދާއި އެނޫންވެސް ގަވާއިދުތަކުގެ ދަށުން ޖޫރިމަނާ ކުރެވޭނެކަމަށް އީޕީއޭއިން ވަނީ ވިދާޅުވެފައެވެ.