ވިޔަފާރި

ގޭގައި ތިބެގެން މަސައްކަތް ކުރާ ފަރާތްތަކުގެ ދުވަސް ފާހަގަ ކުރުމަށް މަޢުރަޒެއް


އިންޓަރނޭޝަނަލް ހޯމް ބޭސްޑް ވޯކަރސް ނުވަތަ ގޭގައި ތިބެގެން މަސައްކަތް ކުރާ ފަރާތްތަކުގެ ދުވަސް، ފާހަގަ ކުރުމަށް ހުޅުމާލޭގައި، އެފަދަ މަސައްކަތް ތެރިންނަށް ޚާއްސަ މަޢުރަޒެއް ބާއްވަން ނިންމައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ އިސްނަގައިގެން މިމަހުގެ 21 އިން 23 އަށް ކުރިއަށް ގެންދާ މިމަޢުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ބުދަ ދުވަހު މެންދުރު 12 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވީ، މިމަޢުރަޒުގައި ޝައުޤުވެރިކަން ހުރި ކޮންމެ ފަރާތަކަށްވެސް ހިލޭ ބައިވެރިވެ، އަމިއްލަ އުފެއްދުންތައް ނޫނީ ޚިދުމަތް ދައްކާލާ ތަކެތި ވިއްކުމުގެ ފުރުސަތު އޮންނާނެއެވެ.

އަދި މިއިން ކޮންމެ ފަރާތަކަށް 4 ފޫޓު 2 ފޫޓުގެ މޭޒަކާއެކު ޓެންޓެއް ހިމެނޭ ސަރަހައްދެއް ހަމަޖެހިގެން ދާނެއެވެ. މިމަޢުރަޒުގައި ކާބޯތަކެއްޗާއި އަންނައުނާއި ފޭސް ޕެއިންޓިންގ، މޭކަޕް ފަދަ ޚިދުމަތްތަކުގެ އިތުރުން ގޭގައި ތިބެގެން ތައްޔާރު ކުރާ އެހެނިހެން ބާވަތްތަކުގެ މުދާ ވިއްކޭނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ބައިނަލްއަޤްވާމީ ގޭގައިތިބެގެން މަސައްކަތް ކުރާ ފަރާތްތަކުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ 20 ވަނަ ދުވަހެވެ.