ވިޔަފާރި

ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ނޮވެމްބަރު މަހު ގަމަށް ފަށަނީ


އަންނަ ނޮވެމްބަރު މަހުން ފެށިގެން، ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އޭސް އެވިއޭޝަންއިން ހާމަކޮށްފިއެވެ.

ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް، އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤް ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ދެވަނަ ދުވަހުން ފެށިގެން ގަމަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގަމުން ފުރާ ފަރާތްތަކަށް ލަންކާ މަގުން ގިނަ ސަރަހައްދުތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ. އެގޮތުން މެދު އިރުމަތީގެ ގިނަ ޤައުމުތަކަށް މިހާރުވެސް ކަނެކްޝަން ލިބޭނެ ކަން އޭނާ ވަނީ ހާމަކޮށްފައެވެ.

ފިނި މޫސުމާއި ދިމާކޮށް ގަމަށް ދަތުރުތައް ހަމަޖެހޭނެ ކަން ފިރާޤް ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ގަމަށް ފެށުމަށް ތައްޔާރުވަމުން ދާއިރު، މިހާރުވެސް ޗާޓަރު ދަތުރުތަކެއް ސްރީލަންކަން އެއަރލައިންސްއިން ގަމަށް ކުރެއެވެ. މިފްލައިޓުތަކުގައި ގިނައިން އަންނަނީ އިންޑިއާގެ ފަތުރުވެރިންނެވެ.

ގަމާއި ކޮލަމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފެށީ ޑިސެމްބަރު، 1، 2016 ގައެވެ. އެ ދަތުރުތަކުގެ ސަބަބުން އައްޑޫއިން މާލެ ނައިސް، ބޭސް ފަރުވާއަށާއި ވިޔަފާރި ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ދެވެއެވެ. މީގެ އިތުރުން އައްޑޫގެ ވިޔަފާރިތަކުން ފްރައިޓްކޮށް ކާގޯވެސް ގެނެއެވެ.

ސްރީލަންކަން އެއަރލައިންސް މީގެ ކުރިންވެސް ގަމަށް ޝެޑިއުލް ދަތުރުތައް ވަނީ ކޮށްފައެވެ. އޭރު ހަފްތާއަކު 3 ދަތުރު ކުރަމުން އައިސް ދަތުރު ހުއްޓާލީ ކޯވިޑާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅަމުންދިޔަ ފިޔަވަޅުތަކާއި އެކުގައެވެ.