ވިޔަފާރި

ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ވީޒާއަށް އެދުމުގެ އިންތިޒާމް ހަމަޖައްސައިފި


ބިޒްނަސް ވީޒާއަށް އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭގޮތަށް ބިޒްނަސް ވީޒާއާ ބެހޭ ޤަވާއިދު އިސްލާހުކޮށްފިއެވެ.

ބިޒްނަސް ވީޒާގެ ޤަވާއިދު މީގެކުރިން އާންމުކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުންނެވެ. އޭރު ވިސާ ދޫކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުންއައިސް، ބިޒްނަސް ވިޒާއަށް އެދުމުގެ ފުރުސަތު އިމިގްރޭޝަންގެ އިމުގަ ޕޯޓަލް މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ.

އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ ބިޒްނަސް ވީޒާގެ އައު ޤަވާއިދެއް އެކުލަވާލައި، އެ ޤަވާއިދަށް އަމަލު ކުރުމަށް ފަށާފައެވެ. އެގޮތުން މިޤަވާއިދުން އަންނަ އެންމެ ބޮޑު ބަދަލަކީ ބިޒްނަސް ވީޒާއަށް އެދޭގޮތަށް އައި ބަދަލެވެ.

މީގެ ކުރިން ބިޒްނަސް ވިޒާގެ ހުރިހާ ކަމެއް ހަމަޖައްސަމުން އައީ އިމިގްރޭޝަން މެދުވެރިކޮށް ނަމަވެސް، މިހާރު ވީޒާއަށް އެދެވޭނީ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ. އެގޮތުން ވީޒާއަށް ހުށަހަޅާތާ 10 ދުވަސްތެރޭ ވިޒާގެ ހުއްދަ ލިބޭނެ ކަމަށް މިޤަވާއިދުގައިވެއެވެ. އަދި ހުއްދަ ދޫކުރުމުން، ބިދޭސީންނަށް ވީޒާ ދޫކުރާނީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންކަމަށް މިޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ވިޔަފާރި ޤާނޫނުތަކަށް ރިޢާޔަތްކޮށް ބިޒްނަސް ވީޒާއަށް އެދެވޭނެ ފަރާތްތައް މިޤަވާއިދުގެ ދަށުން ވަނީ ސާފުކޮށް ކަނޑައަޅާފައެވެ. އެގޮތުން ދިވެހިރާއްޖޭގައި ޤާނޫނުތަކުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޕާޓްނާޝިޕްތަކާއި، ކޯޕަރޭޓިވް ސޮސައިޓީތަކާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއިއެކު އިންވެސްޓު ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވީޒާއަށް އެދެވޭނެކަމަށް މިޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ވަކި ޤާނޫނަކުން އުފައްދާފައިވާ ޖަމިއްޔާތަކާއި، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި ގުޅޭ ފަރާތްތަކަށްވެސް ވީޒާއަށް އެދި ހުށަހެޅޭނެއެވެ.

ދިވެހިރާއްޖޭގައި ޢަމަލު ކުރާނެ ބިޒްނަސް ވީޒާއާބެހޭ ޤަވާއިދެއް އެންމެ ފުރަތަމަ ގެޒެޓް ކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން 2017 ވަނަ އަހަރު އެޕްރީލް މަހުގައެވެ.