ވިޔަފާރި

ތުރުކީގެ މާކެޓުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް އެޤައުމުގެ މީޑީއާ ޓީމެއް ރާއްޖެއަށް


ތުރުކީ މާކެޓުގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް އެޤައުމުގެ މީޑިއާ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަމުންދާކަމަށް އެމްއެމްޕީއާރްސީން ހާމަކޮށްފިއެވެ.

މިމަހުގެ 16 އިން ފެށިގެން 22 އާއި ހަމައަށް ތުރުކީގެ މިޓީމުން ރާއްޖޭގެ 3 ރިސޯޓެއްގައި އެކި ކަންކަން ތަޖުރިބާ ކުރާނެއެވެ. މިޓީމުގައި ހިމެނެނީ ތުރުކީގެ މީޑިއާތައްކަމަށްވާ އޮކްސިޖެން، އިންސްޓައިލް ތުރުކީ، މަރީ ކްލެއަރ އަދި ޑެއިލީ ސަބާހް ފަދަ މީޑިއާތަކަށް ނިސްބަތްވާ ފަރާތްތަކެވެ.

އެމްއެމްޕީއާރްސީން ވިދާޅުވީ މިމިޑިއާތަކުގެ ޒަރީއްޔާއިން އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުން ފެށިގެން ބަޖެޓް ޓްރެވެލާސް އާއި ހަމައަށް ވާސިލްވެވޭނެ ކަމަށެވެ. އަދި ގާތްގަނޑަކަށް 10 މިލިއަން މީހުންގެ އޯޑިއަންސެއް މި މީޑިއާތައް އެކުގައި އޮންނަކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

މިޓީމު ރާއްޖޭގައި ހޭދަ ކުރާނީ މިރިހި އައިލޭންޑް ރިސޯޓު، ޖޯއަލި މޯލްޑިވްސް އަދި ފިނޮޅު މޯލްޑިވްސްގައެވެ. މި ތަޖުރިބާ ދަތުރުގައި އެފަރާތްތަކުން، ސްޕާތަކާއި، މޫދު ކުޅިވަރާއި، މެރިން ބަޔޮލޮޖިސްޓަކާއެކު ސްނޯކްލިންގްއަށް ދިއުމާއި، އަދި މިއިން ކޮންމެ ރިސޯޓެއްގެ ތަފާތު ކެއުމުގެ ބާވަތްތައް ތަޖުރިބާ ކުރާނެއެވެ.

އެމެއެމްޕީއާރްސީން ވިދާޅުވީ މި ތަޖުރިބާ ދަތުރުގެ މަޤްޞަދަކީ، ތުރުކީ މާކެޓުގައި މިހާރަށް ވުރެ ބޮޑަށް ރާއްޖެ ޕްރޮމޯޓުކުރުމުގެ އިތުރުން، މިމާކެޓުން އަންނަ ފަތުރުވެރިންނަށް ރާއްޖޭގައި ތަޖުރިބާ ކުރެވޭނެ ކަންކަމަކީ ކޮބައިކަން ބުނެދެވި، ތިމާވެއްޓާއި ގުޅުންހުރި ކެމްޕެއިން ޕްރޮގްރާމެއް ހިންގުން ކަމަށެވެ.

އަދި މީގެ އިތުރުންވެސް މިމާކެޓުގައި އިތުރު އިވެންޓުތަކެއް ޖައްސާނެކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އެގޮތުން މި އަންނަ ސެޕްޓެމްބަރުން ފެށިގެން ނޮވެމްބަރަށް ޓާކިޝް އެއާލައިން އާއި ގުޅިގެން ކެމްޕެއިންނެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.