ދުނިޔޭގެ ވިޔަފާރި

އެޕަލްގެ މުވައްޒަފުން އޮފީހަށް ނިކުމެ މަސައްކަތްކުރުން ޖެނުއަރީއަށް ފަސްކޮށްފި


ކޯވިޑް ކޭސްތައް އިތުރުވަމުންދިއުމާއި ގުޅިގެން އެމެރިކާގެ ޓެކޮނޮލޮޖީ ކުންފުނި އެޕަލްއިން މުވައްޒަފުން އޮފީހަށް ނެރުން އަންނަ އަހަރުގެ ޖެނުއަރީމަހަށް ލަސްކޮށްފިއެވެ.

އެޕަލްއިން ވަނީ މިކަން އެކުންފުނީގެ މުވައްޒަފުންނަށް ބުރާސްފަތި ދުވަހު އަންގާފައެވެ.

އެޕަލްއިން ހާމަކޮށްފައިވާ ގޮތުގައި މުވައްޒަފުން ދެން އޮފީހަށް ނިކުންނައިރު މަދުވެގެން ތިން ދުވަހު މަސައްކަތް ކުރަން ޖެހޭނެއެވެ. އެއީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ. އަދި ބުދަ ދުވަހާއި ހުކުރު ދުވަހު، އޮންލައިންކޮށް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

އޮފީސް ހުޅުވުމަށް އިތުރަށް ވާންޖެހޭ ތައްޔާރީތައްވަމުން އަންނައިރު، މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް އެޕަލްއިން ވަނީ އިރުޝާދުދީފައެވެ.

މީގެކުރިން އެޕަލްއިން މުވައްޒަފުންނަށް އަންގާފައިވަނީ އަންނަ ސެޕްޓެމްބަރުމަހު އޮފީހަށް ނިކުތުމަށެވެ. ނަމަވެސް އޭގެފަހުން އޮފީހަށް ނިކުތުން އޮކްޓޫބަރަށްވެސް ފަސްކުރިއެވެ. އަދި މިހާރު ޖެނުއަރީމަހަށް މިވަނީ ފަސްކޮށްފައެވެ.

ކޯވިޑްގެ ޑެލްޓާ ވޭރިއަންޓް އެމެރިކާގައި ފެތުރެމުންދާއިރު އެމެރިކާގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފަހުން މުވައްޒަފުން ނެރުމުގެ ޕްލޭނަށް ބަދަލު ގެނައީ އެއްކުންފުންޏަކީ އެޕަލްއެވެ. އެޕަލްއިން ބަދަލުތަކެއް ގެނައި ނަމަވެސް، ރީޓެއިލް ފިހާރަތަކާއި އޮފީސް ބަންދުކުރުމުގެ ވިސްނުމެއް އެޕަލްއިން ނުގެންގުޅެއެވެ.

އެޕަލްގެ އިތުރުން އެހެން ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުންވެސް ދަނީ ކޯވިޑްގެ ބަލިމަޑުކަމާއިދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ. .މިގޮތުން ގޫގްލްއިން ވަނީ ކުންފުނީގެ އޮފީސް ހުޅުވުން އަންނަ އޮކްޓޫބަރު 18 ވަނަ ދުވަހަށް ލަސްކޮށްފައެވެ. އަދި އޮފީހަށް އަނބުރާ އަންނައިރު ވެކްސިންފުރިހަމަ ކުރުމަށްވެސް ގޫގްލްއިން ވަނީ މުވައްޒަފުންނަށް އަންގާފައެވެ. ޓްވިޓަރ އިންވެސް ވަނީ ސެން ފްރެންސިސްކޯ އަދި ނިއުޔޯކްގައި ހުންނަ ކުންފުނީގެ އޮފީސް ހުޅުވުން ލަސްކޮށްފައެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިއުޓް އޮފް ހެލްތުއިން އިން ބުނެފައިވާ ގޮތުގައި ކޯވިޑަށް ޕޮޒިޓިވްވާ އަދަދުތަކަށް ބަލާއިރު، ދުވާލެއްގެ މައްޗަށް ދެ ލައްކަ ކޭސް ފެނުން ގާތްކަމަށެވެ.