ވިޔަފާރި

އެގްރޯނެޓް އާއި އިފާޑް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި


އިންޓަނޭޝަނަލް ފަންޑު ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) ގެ ކަންޓްރީ މެނޭޖަރ މިސް ތަބައްސުމް އެގްރޯނެޓާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި އެގްރޯނެޓުން މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މައުލޫމާތު އިފާޑްގެ ކަންޓްރީ މެނޭޖަރަށްވަނީ އަރުވާފައެވެ. އަދި އިފާޑްއާއި ގުޅިގެން ކުރިއަށް އޮތްތަނުގައި ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުންނާއި، އުތުރުގެ ތިން އަތޮޅަކަށް އަމާޒުކޮށްގެން ހިންގަން ރާވަފައި ހުރި ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން މިބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް އެގްރޯނެޓުން ވިދާޅުވިއެވެ. ނަމަވެސް މިއަތޮޅުތަކަށް އަމާޒުކޮށްގެން ހިންގަން ރާވާފައިވާ ޕްރޮގްރާމުގެ ތަފްސީލެއް އެގްރޯނެޓުން ހާމަކޮށްފައި ނުވެއެވެ. މީގެ އިތުރުން އެގްރޯނެޓުން މިހާރު ކުރިއަށް ގެންދާ ކޮންޓްރެކްޓް ފާމިން މަޝްރޫޢުގައި އިފާޑުގެ ފަންނީ އަދި އެހެނިހެން އެހީތެރިކަން ހޯދުމާއި ގުޅޭ ގޮތުންވެސް މަޝްވާރާ މަޝްވަރާކުރައްވާފައިވާ ކަމަށް އެގްރޯނެޓުން މަޢުލޫމާތުދެއްވައެވެ.

ރަށްރަށުގައި ހިންގާ ކޮންޓްރެކްޓް ފާމިންގް މަޝްރޫޢަކީ ކާމިޔާބު މަޝްރޫއެއްގެ ގޮތުގައި ރަށްރަށުން ބަލައިގަނެފައިވާ ކަމުގެ ޔަޤީން ކަން އެގްރޯނެޓުންވަނީ އިފާޑް އަށް އަރުވާފައެވެ.

އެގްރޯނެޓުން މިހާރު އެންމެ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދަނީ ލ. އަތޮޅުގައި ކުރިއަށް ގެންދާ ކޮންޓްރެކްޓް ފާމިން މަޝްރޫއެވެ. މިމަޝްރޫޢުގެ ދަށުން ދަނޑުތަކުގައި ބާވައްތައް ހައްދަން ފަށާފައިވާއިރު، މިހާރު މެދު ކެނޑުމެއް ނެތި އަބަދުވެސް 2 ބާވަތެއް ނުވަތަ ތިން ބާވަތެއް އެގްރޯނެޓް މެދުވެރިކޮށް ލިބެމުން ދާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.