ވިޔަފާރި

ކާބަން މޮނޮކްސައިޑުން ޓްރީޓް ކުރެވިފައިވާ މަސް ލޭބަލް ނުކޮށް ވިއްކާ: އެމްއެފްޑީއޭ


ކާބަން މޮނޮކްސައިޑުން ޓްރީޓް ކުރެވިފައިވާ މަސް ލޭބަލް ނުކޮށް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިކަމާއި ގުޅޭ ގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ، ރޯމަހުގެ ރަތް ކުލަ ދެމެހެއްޓުމަށް ކާބަން މޮނޮކްސައިޑް ޓްރީޓްމެންޓް ދީގެން އެކަން ލޭބަލް ނުކޮށް މަސްވިއްކަމުންދާކަން އެއޮތޯރިޓީއަށް ފާހަގަވެފައިވާ ކަމަށެވެ. އަދި އެއޮތޯރިޓީން ނެގި ސާމްޕަލް އިން މިކަން ކަށަވަރު ކުރެވިފައިވާކަމަށްވެސް އެމްއެފްޑިއޭއިން ހާމަކުރައްވައެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ، ކާބަން މޮނޮކްސައިޑް ޓްރީޓްމެންޓް ދެނީ މަހުގެ ރަތް ކަން ދެމެހެއްޓުމަށް ކަމަށްވާއިރު، މަހުގެ ތާޒާކަން ބަލާ އެއް މިންގަޑުގެ ތެރޭގައި މަހުގެ ކުލަ ހިމެނޭ ކަމަށެވެ. އެހެން ކަމުން މިފަދަ ޓްރީޓްމެންޓެއް ދީފައިވާ މަސް ވިއްކާއިރު އެކަން ލޭބަލް ނުކުރުމުން އެމަހުގެ ތާޒާކަން ގަންނަ ފަރާތަށް އޮޅުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެން ކަމުން މަސްވިއްކާ އަދި ގަންނަ ފަރާތްތަކުންވެސް މިކަމަށް ސަމާލުވުމަށް އެއޮތޯރިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއާއެކު މިފަދަ ކަމެއް ފާހަގަވާނަމަ އެކަން ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ރިޕޯޓު ކުރުމަށް އެފަރާތުން ވަނީ އެދިވަޑައިގެންފައެވެ. އަދި އެއޮތޯރިޓީގެ ވައިބަރ ނަމްބަރު 7603204 އަށް ފޮޓޯ އާއި އެކު ރިޕޯޓު ކުރުމަށްވެސްވަނީ އެދިވަޑައިގެންފައެވެ.